ކޮވިޑް-19 އަށް ގައުމުތަކުން ތައްޔާރުކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން 69 ވެކްސިނެއް މިހާރު ވަނީ ކްލިނިކަލް ޓްރަޔަލްގެ މަރުހަލާތައް ފަށާފައެވެ.
އެގޮތުން މިވަގުތު ކްލިނިކަލް ޓްރަޔަލްގެ ފޭސް އެކެއްގެ މަރުހަލާގައި 35 ވެކްސިނެއް އޮތް އިރު، 14 ވެކްސިނެއް ވަނީ ފޭސް ދޭއްގެ މަސައްކަތްތައް ފަށާފައެވެ. އަދި 11 ވެކްސިނެއް ދަނީ އެންމެ ފަހު މަރުހަލާ ނުވަތަ ތިން ވަނަ ފޭސްގެ ޓްރަޔަލްތައް ކުރިއަށް ގެންދަމުންނެވެ.
މިހާތަނަށް އައި އިރު ހަ ވެކްސިނެއް އަރލީ ޔޫސް އަށް ނުވަތަ ލިމިޓެޑް ކޮށް ބޭނުން ކުރުމަށް ވަނީ ހުއްދަ ލިބިފައެވެ. އެއީ ޗައިނާ އިން ތައްޔާރުކުރަމުން އަންނަ ހަތަރު ވެކްސިނަކާއި ރަޝިއާގެ ދެ ވެކްސިނެކެވެ.
އެގޮތުން ޗައިނާގެ ސިނޮވެކް ފާމް އިން އުފައްދާ ވެކްސިން (ކޮރޯނާ ވެކް) އާއި ސިނޮފާމް އިން ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އާއި ގުޅިގެން ތައްޔާރުކުރާ ވެކްސިންގެ އިތުރުން ސިނޮފާމްގެ ވޫހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އިން އުފައްދާ ވެކްސިން އަދި ސަންސީނޯ ބަޔޮލޮޖިކްސް އިން އުފައްދާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޗައިނާ ސަރުކާރުން ވަނީ ދީފައެވެ.
ރަޝިއާށް ބަލާލާއިރު، އެގައުމުގެ، ގަމަލެޔާ ރީސާޗް އިންސްޓިޓިއުޓް އިން އުފައްދާ ވެކްސިން (ސްޕަޓްނިކްވީ) އަދި ވެކްޓަރ އިންސްޓިޓިއުޓް އިން އުފައްދާ (އެޕިވެކްކޮރޯނާ) ބޭނުން ކުރުމުގެ ހުއްދަ ރަޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ދީފައިއެވެ.
ގައުމުތަކުން މިގޮތަށް ވެކްސިންގެ ޓްރަޔަލްތައް ފުރިހަމަ ނުކޮށް ވެކްސިން ބޭނުން ކުރުމަށް ހުއްދަ ދިނުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ކަމާބެހޭ މާހިރުން އަންނަނީ ބުނަމުންނެވެ.