ކ. މާލެ
|
29 އޮކްޓޯބަރ 2020 | ބުރާސްފަތި 11:41
ޔުނައިޓެޑާއި ލެއިޕްޒީގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 5-0 ން
ޔުނައިޓެޑާއި ލެއިޕްޒީގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 5-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޔުނައިޓެޑާއި ޗެލްސީއަށް ބޮޑު މޮޅެއް
ޔުނައިޓެޑް މޮޅުވީ ލެއިޕްޒީގް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ޗެލްސީ މޮޅުވީ ކްރަސްނޯޑާ އަތުން 4-0 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ގްރޫޕް އެޗުގައި ހިމެނޭ ޔުނައިޓެޑް މޮޅުވީ އަމިއްލަ ދަނޑުގައި އާރުބީ ލެއިޕްޒީގް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ޔުނައިޓެޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑެވެ. މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުގެ މާކަސް ރަޝްފޯޑް ކުޅެން އެރިއިރު، 74 ވަނަ މިނެޓުގައި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ރަޝްފޯޑް ވަނީ ޔުނައިޓެޑުގެ ތިންވަނަ ލަނޑުވެސް ޖަހާފައެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލެވެ. އަދި އިތުރު ވަގުތުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ މި މުބާރާތުގައި ރަޝްފޯޑް ހެދި ފުރަތަމަ ހެޓްރިކެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ގްރޫޕް އެޗުގައި ހިމެނޭ ޔުނައިޓެޑް ފަސޭހަކަމާއެކު މޮޅުވިއިރު، މި ގްރޫޕުގައި ހިމެނޭ ޕީއެސްޖީ ވަނީ ރަށުން ބޭރުގައި އިސްތަންބޫލް ބަޝަކްޝެހީރް އަތުން 2-0 ން މޮޅުވެފައެވެ.

މި ނަތީޖާތަކާއެކު މި ގްރޫޕުގެ އެއްވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އާއި ތިންވަނައިގައި އޮތް ލެއިޕްޒީގަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް ބަޝަކްޝެހީރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކްރަސްނޯޑާ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 4-0 ން

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އީގައި ހިމެނޭ ޗެލްސީ މޮޅުވީ ކްރަސްނޯޑާ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު ޗެލްސީގެ ޖޯޖީނިއޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކަލުމް ހަޑްސަން-އޮޑޯއިއެވެ.

ދެވަނަ ހާފުގައި ޗެލްސީގެ ލީޑުފުޅާކޮށްދިނީ ޕެނަލްޓީއަކުން މެޗުގެ 76 ވަނަ މިނެޓުގައި ޓިމޯ ވާނާއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހަކީމް ޒިޔެކް ވަނީ ޗެލްސީގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓިއަން ޕުލިސިޗެވެ.

ގްރޫޕް އީގައި ހިމެނޭ ޗެލްސީން ބުދަ ދުވަހުގެރޭ ފަސޭހަ މޮޅެއް ހޯދިއިރު، މި ގްރޫޕްގެ އަނެއް މެޗުގައި ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި 1-0 ން ރެނެސް ބަލިކޮށްފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އީގެ އެއްވަނައިގައި އޮތް ޗެލްސީ އާއި ދެވަނައިގައި އޮތް ސެވިއްޔާއަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ރެނެސް އާއި ހަތަރުވަނައިގައި އޮތް ކްރަސްނޯޑާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް