ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޔުވެންޓަސް އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނަށް ޔުވެންޓަސްގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި އަންދްރެއާ ޕިރްލޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުވެންޓަސް ބަލިވި ފުރަތަމަ މެޗެވެ.
މި މެޗުގައި ފުޓްބޯޅައިގެ ދެ ތަރިން ކަމަށްވާ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެކުގައި ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގެ 24 ގަޑިއިރު ކުރިން ކުރި ޓެސްޓުންވެސް ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް ދެއްކުމުން މި މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.
މި މެޗު ފަށައިގެން ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗުގެ 14 ވަނަ މިނެޓުގައި ބާސާއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މެސީ ދިން ބޯޅައަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ.
އޭގެ ފަހުން މި މެޗުގައި ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ ތިން ލަނޑު ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން އެ ތިން ލަނޑުވެސް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ބަލައިގަނެފައެއް ނުވެއެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޔުވެންޓަސްގެ ޑިފެންޑަރު މެރިހް ޑެމިރަލަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
މެޗުގައި ބާސާއިން ލީޑު ފުޅާކޮށްފައިވަނީ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ މެސީއެވެ. މިއީ އޭރިއާ ތެރެއިން ބާސާގެ އަންސޫ ފަޓީއަށް ޔުވެންޓަސްގެ ފެޑެރީކޯ ބާނަޑޭޝީ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
ގްރޫޕް ޖީގައި ހިމެނޭ ބާސާއިން ޔުވެންޓަސް ބަލިކުރިއިރު، އެ ޓީމު އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ގްރޫޕުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޔުވެންޓަސްއަށް ދެ މެޗުން ލިބިފައިިވަނީ ތިން ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ޑީނަމޯ ކިއެވް އާއި ފުލުގައި އޮތް ފެރެންސްވަރޯސް އަށް ލިބިފައިވަނީ ދެ މެޗުން އެންމެ ޕޮއިންޓެވެ. ކިއެވް އާއި ފެރެންސްވަރޯސް ބުދަ ދުވަހުގެރޭ ބައްދަލުކުރިއިރު، މި މެޗު ނިމުނީ 2-2 ން ދެ ޓީމު އެއްވަރުވެގެންނެވެ.