ހއ. އިހަވަންދޫ އާއި ނ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި ދެ ރަށުގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމަށް އެކުންފުންޏާއި ހަވާލުކުރީ ބުދަ ދުވަހު މެންދުރުފަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު އިބްރާހިމެވެ. އަދި އާރްކޭއެލް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުޒައިމާ އާސިރެވެ.
އިހަވަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 2.32 މިލިޔަން ރުފިޔާއަށެވެ. އަދި މަނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2.21 މިލިޔަން ރުފިޔާއަށެވެ. މި އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި، 50 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް ސަރުކާރުން ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާދް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.
ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.