ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 01:12
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ރޮނާލްޑޯ އަދިވެސް ވައިރަހަށް ޕޮޒިޓިވް
ރޮނާލްޑޯއަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މި މަހުގެ 13 ވަނަ ދުވަހު
އަންގާރަ ދުވަހުގެރޭ ކުރި ޓެސްޓުންވެސް ރޮނާލްޑޯ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

އެންމެ ފަހުން ކުރި ޓެސްޓުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، ބުދަ ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި އެ ޓީމުގެ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހު ރޮނާލްޑޯ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެންމެ ފުރަތަމަ ޕޯޗުގަލުގައި ރޮނާލްޑޯ އައިސޮލޭޓްވިއިރު، އޭނާ ވަނީ ހާއްސަ އިހުތިޔާރެއްގެ ދަށުން އަމިއްލަ ޖެޓުގައި އޭގެ ދެ ދުވަސް ފަހުން އެނބުރި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޔުއެފާއިން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން، މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ވައިރަހަށް ޓެސްޓުކޮށް ނެގެޓިވްވެއްޖެނަމަ މެޗުގައި ކުޅެވޭނެއެވެ. އެހެންކަމުން އަންގާރަ ދުވަހުގެރޭ ރޮނާލްޑޯ އަލުން ވައިރަހަށް ޓެސްޓުކުރިއިރު، އޭނާ އަދިވެސް ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް ޓެސްޓުން ވަނީ ދައްކާފައެވެ. އެހެންކަމުން ބާސާއާ ދެކޮޅަށް ރޮނާލްޑޯއަށް ނުކުޅެވޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އޭގެ ދެ ދުވަސް ފަހުން ހާއްސަ އިހުތިޔާރެއްގެ ދަށުން ރޮނާލްޑޯ އިޓަލީއަށް ދިޔައިރު، ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ސަރުކާރުން ހަދާފައިވާ ސިއްހީ އުސޫލުތަކާ ރޮނާލްޑޯ ޚިލާފުވި ކަމަށާއި، އެހެންކަމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ސްޕަޑަފޯރާ ވިދާޅުވީ ރޮނާލްޑޯ އުސޫލާ ޚިލާފުވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި، ވަކި ރޮނާލްޑޯ ވީމަ ހާއްސަ ހުއްދައެއް ނުދޭ ކަމަށެވެ. އެކަމަކު ވަޒީރުގެ ވާހަކަތަކަށް ރައްދު ދެމުން ރޮނާލްޑޯ ބުނީ އެއްވެސް އުސޫލަކާ ޚިލާފު ނުވާ ކަމަށާއި، އޭނާ ދަތުރުކުރީ ހުރިހާ ހުއްދައެއް ހޯދައިގެން ކަމަށެވެ. އަދި އޭނާ އުސޫލާ ޚިލާފުވެފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ރޮނާލްޑޯ ނުލައި ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއިން އަމިއްލަ ދަނޑުގައި ބާސާއާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް