ކ. މާލެ
|
27 އޮކްޓޯބަރ 2020 | އަންގާރަ 21:05
ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ
ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ
ގެޓީ އިމޭޖަސް
ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ މައްސަލަ
ބާސާގެ ރައީސްގެ މަގާމުން އިސްތިއުފާ ދޭކަށް ނުވިސްނަން: ބާޓޮމެއޫ
ބާސާގެ މެންބަރުން ވަނީ 20,687 މީހުންގެ ސޮއާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައި
އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބޭނުންވާ 16,520 މީހުންގެ ސޮއި ސައްހަކަން ބާސާއިން ވަނީ ހާމަކޮށްފައި
ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ވޯޓުގެ ކަންތައްތައް ފުރިހަމަކުރަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުން

އިތުބާރު ނެތްކަމުގެ ވޯޓުނަގަން ނިންމި ނަމަވެސް، ބާސެލޯނާގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބާސާގެ މެންބަރުން ވަނީ 20,687 މީހުންގެ ސޮޔާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައެވެ. ބާސާގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބޭނުންވަނީ 16,520 މީހުންގެ ސޮޔެވެ.

ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވިކަން ބާސާއިން ހާމަކޮށްފައިވާއިރު، އެ ވޯޓުގައި ބާޓޮމެއުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި އައު އިންތިޚާބަކަށް ދާން މަދުވެގެން ވޯޓުލާ މީހުންގެ ތިންބައި ކުޅެ ދެ ބައި މީހުންގެ ވޯޓު ލިބެންޖެހެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ކޮވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ވޯޓުގެ ކަންތައްތައް ފުރިހަމަކުރަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ނިންމާފައިވުމާ ގުޅިގެން ހޯމަ ދުވަހު އޮތް ބާސާގެ ބޯޑު މެންބަރުންގެ ބައްދަލުވުމުގައި ބަޓޮމެއޫ މަގާމުން އިސްތިއުފާދޭނެ ކަމަށް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެކަމަކު ބާޓޮމެއޫ ވަނީ އެކަން ދޮގުކޮށްފައެވެ. ބާޓޮމެއޫ ވިދާޅުވީ ބާސާގައި ވަރަށް ޝައުގުވެރިވާ މަޝްރޫއުތަކެއް އެބަހުރި ކަމަށާއި، އެ މަޝްރޫއުތައް ހުއްޓައި އިސްތިއުފާ ދިނުމަށް އޭނާގެ ހިޔާލަށްވެސް ނާންނަ ކަމަށެވެ. އެކަމަކު އިތުބާރު ނެތް މައްސަލައިގެ ވޯޓުގައި ނިންމާ ނިންމުމަކަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.

ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާއިރު، އެ ކުލަބުގެ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ބާޓޮމެއޫއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އޭގެ ތެރޭގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި މީގެ ކުރިން ބާސާއަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނެއެވެ. އެގޮތުން ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޒަވީ ހެނާންޑޭޒް އަދި އަންދްރެސް އިނިއެސްޓާވެސް ވަނީ މީގެ ކުރިން ބާޓޮމެއޫއަށް ފާޑުކިޔާފައެވެ. އަދި ރިޕޯޓުތައް ބުނާގޮތުން ޖެނުއަރީ މަހު ބާސާގެ ކޯޗުކަމާ ހަވާލުވާން ޒަވީއަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލީވެސް ބާޓޮމެއުއާ މެދު ހިތްހަމަނުޖެހޭތީއެވެ.

އަދި މީގެ ކުރިން ބާޓޮމެއޫ ކުލަބު ހިންގާ ގޮތާ މެދު ހިތްހަމަނުޖުން ފާޅުކޮށް، ބާސާގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެންބަރަކު ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

ބާޓޮމެއޫ އަކީ އެ ކުލަބުގެ 40 ވަނަ ރައީސެވެ. އޭނާ އެންމެ ފުރަތަމަ ބާސާގެ ރައީސްގެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރު އޭރުގެ ރައީސް ސަންޑްރޯ ރޮސެލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބޭއްވި އިންތިޚާބު ބާޓޮމެއޫ ވަނީ ކާމިޔާބުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް