މާލޭގައި ޓެކްސީ ހިދުމަތްދޭ ހަމައެކަނި އަންހެން ޑްރައިވަރުގެ ކާރަށް އަނެއްކާވެސް ގެއްލުންދީފިއެވެ.
އައިމިނަތު ވަހީދާ (އައިންތު) އަންގާރަ ދުވަހު ސޯޝިއަލް މީޑިޔާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ހޯމަދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އޭނާ މިހާރު ޓެކްސީ ކުރަމުންގެންދާ ކާރު ޑްރަގް ކޯޓު ކުރިމަތީ ޕާކްކޮޮށްފައިވަނިކޮށް ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި ކަމަށެވެ.
އައިންތު ބުނި ގޮތުގައި އޭނާ ޓެކްސީގެ ހިދުމަތް ދޭންފެށި ފަހުން އޭނާގެ ކާރައް މިގޮތަށް ބިއްލޫރި ތަޅާލި މިއީ ފަސް ވަނަ ފަހަރު ކަމަށެވެ. އައިންތު އަކީ 2018 ވަނަ އަހަރުންފެށިގެން މާލެގައި ޓެކްސީގެ ހިދުމަތް ދޭ ހަމައެކަނި އަންހެން ޑްރައިވަރެވެ.
މިޕޯސްޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި މިހެންވުމުގެ ސަބަބުން ކާންބޯން ކުރާ މަސައްކަތް ހުއްޓިފައިވާކަމަށެވެ. އައިންތު އިތުރަށް ބުނީ މިކަމުގައި ދާއިމީ ހަައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާއި އާއްމު ރައްޔިތުންގެ އެއްބާރުލުން އޭނާއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.