ކ. މާލެ
|
27 އޮކްޓޯބަރ 2020 | އަންގާރަ 18:01
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު
މިހާރު
ޒިކުރާ މިސްކިތުގެ މައްސަލަ
ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރުގެ ކޮރަޕްޝަން މައްސަލައިގެ ފުރަތަމަ އަޑުއެހުން ކެންސަލް ކޮށްފި
މިއަދުގެ އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ ބައްލަވަމުން ގެންދެވި އެހެން މައްސަލައެއްގެ އަޑުއެހުން ދިގުލައިގެން ދިއުމުގެ ސަބަބުން
ޒިޔާދުގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ވެސް ދައުވާ ކޮށްފައިވޭ
ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައިވޭ
އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފިލާފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލްކުރި އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އަޑުހުން ތާވަލް ކޮށްފައިވާ ވަގުތު ކަމުގައިވާ 15:00 ވެގެންދިޔައިރު ވެސް މިމައްސަލަ ބައްލަވާ ގާޒީ ބައްދަލުވަމުން ގެންދެވި، އެހެން މައްސަލައެއް ކުރިއަށްދިޔުމުން ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދީފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެމައްސަލާގައި ޒިޔާދު ބާގިރު އާއެކު އިތުރު ފަރާތެއްގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ.

މި މައްސަލައަކީ، އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ނިންމައި، މިމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އޭސީސީން ޕްރޮސެކިއުޓަރ (ޕީޖީ) ގެ އޮފީހަށް ފޮނުވި މައްސަލައެކެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، ބ. އޭދަފުށި، ހަލަވެލި، ޑރ. އަޙްމަދު ޒިޔާދު ބާގިރު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުރިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށެވެ.

އެހެންކަމުން، ޑރ. އަޙްމަދު ޒިޔާދު ބާގިރުގެ މައްޗަށް ޤާނޫނު ނަންބަރު: 9/2011 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ ކުށުގެ އަސާސީ އަދަބަކީ، އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

މީގެއިތުރުން، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެ ޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސްޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2011 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

މި މުޢާމަލާތާ ގުޅިގެން، މި މުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީއާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް އޭސީސީއަށް ލަފާ ދީފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާގޮތް އިތުރަށް ތަޙްޤީޤްކޮށް، މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް ވެސް އޭސީސީއަށް ލަފާ ދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޒިކުރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއުއަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ.

- ކޮމެންޓް