ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލު ކުރުމަށް އިދިކޮޅުން ހުށަައެޅި އިސްލާހަށް އެމްޑީޕީގެ އެއްވެސް މެމްބަރެއް ބަހުސް ނުކުރެއްވިއެވެ.
މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހުށައެޅުއްވި ބިލަށް އެމްޑީޕީގެ އެއްވެސް މެމްބަރެއް ބަހުސް ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ވާހަކަދެއްކެވި ވަގުތު ނިޒާމީ ނުކުތާ ނަންގަވާފައެވެ.
އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާ ނެންގުވުމުން މަޖިލީހުގެ ރައީސް ވަނީ ކެތްތެރިކަމާއި އެކު އިދިކޮޅު މެމްބަރުން ދައްކަވާ ވާހަކަތައް އަޑުއެއްސެވުމަށް އިލްތިމާސްކުރައްވާފައެވެ.
ތޯރިގްގެ އިތުރުން މި ބިލަށް ބަހުސް ކުރައްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު އާދަމް ޝަރީފްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން އަހުމަދު ލަތީފްއެވެ.
ޖުޑީޝަރީ އިޞްލާޙު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދެވެ. ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި ތައައްސުބުން އެއްކިބާވެފައިވާ ޖޭއެސްސީއެއް ގާއިމުކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެވެ.
އެގޮތުން ފަނޑިޔާރުގެއާއި ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުންނެވެ. އޭގެ އިތުރުން، ޖޭއެސްސީގެ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނައެވެ. އަދި ކުރިން ސުޕްރީމް ކޯޓުން އަމިއްލައަށް ނަގައިގެން އުޅުނު ޖޭއެސްސީގެ ބާރުތައް އަލުން ޖޭއެސްސީއަށް ކަނޑައެޅިގެންދިއުމާއި، ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުންދިޔަ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށަށް ބަދަލު ކުރުން ހިމެނެއެވެ.