ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 15:52
ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ފިލިއްޕޭ ކުޓީނިއޯ
ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ފިލިއްޕޭ ކުޓީނިއޯ
ގެޓީ އިމޭޖަސް
ކުޓީނިއޯއަށް އަނިޔާވުން
ކުޓީނިއޯއަށް އަނިޔާވެ ކުޅުމާ ދުރަށް
ކުޓީނިއޯގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި
ކުޓީނިއޯގެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ރިޕޯޓުތައް ބުނޭ

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލުގެ ތަރި ފިލިއްޕޭ ކުޓީނިއޯއަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ބާސާއިން އާދީއްތަ ދުވަހުގެ ވަގުތެއްގައި ވަނީ ކުޓީނިއޯގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ހާމަކޮށްފައެވެ. އެކަމަކު އެ އަނިޔާއާ ގުޅިގެން ކުޓީނިއޯ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް އެ ކުލަބުން ހާމަކޮށްފައެއް ނުވެއެވެ.

ކުޓީނިއޯގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ މެޗުގައެވެ. އެ މެޗުގައި އެއްކޮށް ކުޓީނިއޯ ކުޅުނު ނަމަވެސް، މެޗަށްފަހު ހެދި ޓެސްޓުތަކުން އޭނާއަށް އަނިޔާވެފައިވާކަން ވަނީ ހާމަވެފައެވެ. އެހެންކަމުން ރިޕޯޓުތައް ބުނާ ގޮތުން ކުޓީނިއޯގެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށާއި، މާ ގިނަ ދުވަހެއް ނުވެ އޭނާއަށް އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނެއެވެ.

އެކަމަކު މި އަނިޔާއާ ގުޅިގެން ކުޓީނިއޯއަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ބާސާއިން ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅެ އެ ޓީމާއެކު ޗެމްޕިއަންސް ލީގާއި، ޖަރުމަން ލީގު އަދި ޖަރުމަން ކަޕް ކާމިޔާބުކުރި ކުޓީނިއޯ އަންނަނީ މި ސީޒަނުގައި ބާސާގެ ޖާޒީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ކުޓީނިއޯ ވަނީ މިހާތަނަށް މި ސީޒަނުގައި ބާސާއަށް ކުޅެދިން ހަ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

އެކަމަކު ރޮނާލްޑް ކޫމަނުގެ އިރުޝާދުގެ ދަށުން ބާސާއަށް މި ސީޒަނުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އަމިއްލަ ދަނޑުގައި ކްލަސިކޯ މެޗުން އެ ޓީމު ވަނީ 3-1 ން ބަލިވެފައެވެ. އަދި ސްޕެނިޝް ލީގުގައި ބާސާ އޮތީ ތާވަލުގެ 12 ވަނައިގައި ފަސް މެޗުން ހަތް ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް