މިއަހަރުގެ ތިންވަނަ ކުއާޓާގައި އެމްޓީސީސީއަށް 51 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަަށް އެ ކުންފުނީގެ 3 ވަނަ ކުއާޓާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީސީސީން ނެރިފައިވާ އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއާޓާ ނިމުނު އިރު މާލީ ގޮތުން ކުންފުނި ކުރިއަރާފައިވާ އިރު، ދެވަނަ ކުއާޓާއާއި އަޅާބަލާ އިރު މިއީ 41 އިންސައްތައިގެ ކުރި އެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ފައިދާ ލިބިފައި ވަނީ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ފެށުމުން ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއިން 3 ވަނަ ކުއާޓާގައި ކުރިއެރުންތަކެއް ލިބިފައިވާ އިރު، އެ ދާއިރާއިން ފައިދާގެ ގޮތުގައި 25.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއާއެކު 3 ވަނަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ދެވަނަ ކުއާޓާއާއި އަޅާ ބަލާއިރު ކުންފުނީގެ ކޭޝްފްލޯ ރަނގަޅުވެފައިވާ ކަމަށާއި، ކޭޝްފްލޯ ރަނގަޅުވެފައިވަނީ ސަރުކާރުގެ ގިނަ ޕްރޮޖެކްޓްސް ލިބުމާއި ގުޅިގެންނެވެ. ނަމަވެސް ޑޮލަރު ލިބުމުގައި ދިމާވި ދަތިތަކާއި ގުޅިގެން އައުޓްފްލޯ ދަށްވެފައިވާ ކަމަށާއި، ބޭރުން ތަކެތި ގަންނަ ފަރާތްތަކުން ކޮވިޑް-19 އާއި ގުޅިގެން ފައިސާ ދެއްކޭނެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިކަމާއި ގުޅިގެން އަހަރު ނިމޭ އިރު ކޭޝްފްލޯއަށް އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީގެ ފައިނޭންޝަލް ސްޓޭޓްމަންޓް ދައްކާ ގޮތުން 3 ވަނަ ކުއާޓާގައި 350 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެއެވެ. 2 ވަނަ ކުއާޓާގައި ކުރި ވިޔަފާރީގެ އަދަދަކީ 248 މިލިއަން ރުފިޔާއެވެ. އަދި ފުރަަތަމަ ކުއާޓާގެ ވިޔަފާރިއާ އެކު ޖުމްލަ މި އަހަރުގެ މިހާތަނަށް 951.7 މިލިއަން ރުފިޔާގެ ވިޔަފާރި އެމްޓީސީސީން ކޮށްފައި ވެއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި 52.9 މިލިއަން ރުފިޔާގެ ފައިދާ ކުންފުންޏަށް ވެފައިވާ އިރު، ދެވަނަ ކުއާޓާގައި މި އަދަދު 15 މިލިއަނަށް ދަށް ވެގެން ދިޔައެެވެ. ކޮވިޑް-19 އާއި ގުޅިގެން މި ބަދަލު އައި ނަމަވެސް ނިމިގެން ދިޔަ ކުއާޓާގައި އަނެއްކާ ވެސް 51.1 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ހޯދާފައެވެ. 3 ވަނަ ކުއާޓާއާއި ހަމައަށް އެ ކުންފުންޏަށް ސާފު ފައިސާގެ ގޮތުގައި ވަނީ 119.2 މިލިއަން ރުފިޔާ ލިބިފައެވެ.