ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 13:11
ދެ ޑިފެންޑަރުން ކަމަށްވާ އަޙްމަދު ފައްރާހު (ފައްރަ) އާއި ޝާފިއު އަޙްމަދު (ޝާފީ)
ދެ ޑިފެންޑަރުން ކަމަށްވާ އަޙްމަދު ފައްރާހު (ފައްރަ) އާއި ޝާފިއު އަޙްމަދު (ޝާފީ)
އެފްއޭއެމް
ފައްރަ އާއި ޝާފީ ސަސްއަށް
ފައްރަ އާއި ޝާފީ ސަސްއަށް ސޮއިކޮށްފި
ފައްރަ ވަނީ ޓީސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައި
ޝާފީ ވަނީ ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ކުލަބުތަކަށް ކުޅެފައި
އައު ސީޒަނަށް ސަސް ކުރިމަތިލާނީ ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދާ އެކުގައި

ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަޙްމަދު ފައްރާހު (ފައްރަ) އާއި ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަޙްމަދު (ޝާފީ) ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއިކޮށްފިއެވެ.

ސަސްއިން ވަނީ މި ދެ ޑިފެންޑަރުން އެ ޓީމާ ގުޅުނުކަން ހާމަކޮށްފައެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅެފައިވާ ފައްރަ ސަސްއަށް ސޮއިކުރިއިރު، މީގެ ކުރިން އޭނާ ޓީސީއާ ގުޅިފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ދެ އަހަރު ފަހުން ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕުގެ ޗެމްޕިއަންކަން ޓީސީން ހޯދިއިރު، ފައްރަ އަކީ އެ ޓީމުގެ ވައިސް ކެޕްޓަނެވެ. އަދި ފައްރަގެ ކެޕްޓަން ކަމުގެ ދަށުން ޓީސީން ވަނީ މުޅިން އަލަށް 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާއި މިދިޔަ ސީޒަނުގެ އެފްއޭ ޗެރިޓީ ޝީލްޑް އުފުލާލާފައެވެ. އަދި މި އަހަރު ޓީސީގެ ތާރީޚުގައި މުޅިން އަލަށް އޭއެފްސީ ކަޕުގައި އެ ޓީމު ވާދަކުރިއިރު، ފައްރަގެ ދައުރު ބޮޑެވެ.

ޓީސީގެ އިތުރުން ފައްރަ މީގެ ކުރިން ވަނީ ކުލަބު ވިޔަންސާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ވިކްޓަރީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ.

މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު ޝާފީ ސަސްއަށް ސޮއިކުރިއިރު، މިދިޔަ ސީޒަނުގައި އޭނާ ކުޅުނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށެވެ. ގައުމީ ފުޓްބޯޅަ ޓީމުގައިވެސް މުހިންމު މެޗުތަކެއް މީގެ ކުރިން ކުޅެފައިވާ ޝާފީ ވަނީ ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން ވެލެންސިއާއިން ކެރިއަރު ފެށި ޝާފީ ވަނީ ވިކްޓަރީ، މާޒިޔާ، ނިއު ރޭޑިއަންޓް އަދި ކުލަބު ގްރީން ސްޓްރީޓްސްއަށްވެސް ކުޅެފައެވެ.

އައު ސީޒަނަށް ސަސްއިން ފައްރަ އާއި ޝާފީގެ ސޮއި ހޯދިއިރު، އެ ޓީމުން މި ސީޒަނަށް ކުރިމަތިލާނީ ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު) އާ އެކުގައެވެ. އައު ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ސަސް ޖާގަ ހޯދާފައިވަނީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ނިންމާފައިވާއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ. ލީގުގައި ސަސްއިން ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް