ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 11:13
ސޮސިއެޑާޑާއި ހުއެސްކާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސޮސިއެޑާޑް މޮޅުވީ 4-1 ން
ސޮސިއެޑާޑާއި ހުއެސްކާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސޮސިއެޑާޑް މޮޅުވީ 4-1 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ހުއެސްކާ ބަލިކޮށް ސޮސިއެޑާޑް އެއްވަނައަށް
ހުއެސްކާ އަތުން ސޮސިއެޑާޑް މޮޅުވީ 4-1 ގެ ނަތީޖާއަކުން
ލީގުގެ އެއްވަނައަށް ސޮސިއެޑާޑް އެރީ 14 ޕޮއިންޓާއެކު

ހުއެސްކާ ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައަށް ރެއާލް ސޮސިއެޑާޑް ޖެހިލައިފިއެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ހުއެސްކާ އަތުން ސޮސިއެޑާޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

ސޮސިއެޑާޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ދާދި ފަހުން މެންޗެސްޓާ ސިޓީ ދޫކޮށް އެ ޓީމާ ގުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ސޮސިއެޑާޑުން ލީޑު ނަގާފައިވަނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބަލެވެ.

މެޗުގެ ފުރަތަމަ ހާފު ލީޑުގައި އޮވެ ސޮސިއެޑާޑުން ނިންމާލި ނަމަވެސް، ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ރަފާ މީރުގެ ލަނޑުން ހުއެސްކާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން އޮޔާޒަބަލް ވަނީ އިތުރު ލަނޑެއް ޖަހާ ސޮސިއެޑާޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސްޓިއަން ޕޯޓޫ ސޮސިއެޑާޑުގެ ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 75 ވަނަ މިނެޓުގައި އަލެކްސަންޑަ އައިސާކް ސޮސިއެޑާޑުގެ ހަތަރުވަނަ ލަނޑުވެސް ޖެހީ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މޮޅާއެކު ސްޕެނިޝް ލީގުގެ އެއްވަނައަށް ސޮސިއެޑާޑް އެރީ ކުޅުނު ހަތް މެޗުން ލިބުނު 14 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ މި ސީޒަނުގެ ފުރަތަމަ އެލް ކްލަސިކޯ މެޗުން މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. އެ ޓީމަށް ހަ މެޗުން ވަނީ 13 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ގްރަނާޑާއަށްވެސް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑް ވަނީ 2-0 ން ރެއާލް ބެޓިސް ބަލިކޮށްފައެވެ. މި މޮޅާއެކު އެތުލެޓިކޯ އޮތީ ތާވަލުގެ ފަސްވަނައިގައި ފަސް މެޗުން 11 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް