ކ. މާލެ
|
26 އޮކްޓޯބަރ 2020 | ހޯމަ 10:51
ޔުވެންޓަސް އާއި ވެރޯނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ޔުވެންޓަސް އާއި ވެރޯނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ވެރޯނާ އަތުން ޗެމްޕިއަން ޔުވެންޓަސްއަށް ޕޮއިންޓެއް
ޔުވެންޓަސް އާއި ވެރޯނާ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
ޔުވެންޓަސްއަށް ފުރަތަމަ ފަސް މެޗުގެ ތެރެއިން މޮޅުވެވުނީ ދެ މެޗުން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ހެލަސް ވެރޯނާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ.

އޭގެ ފަހުން މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެރޯނާއިންނެވެ. މަޓިއާ ޒަކަންޏީގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރެއާ ފަވިއްލީއެވެ. އެކަމަކު މެޗުގެ 78 ވަނަ މިނެޓުގައި މޮރާޓާގެ އެހީއާއެކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެޖާން ކުލުސެވްސްކީ ވަނީ ލަނޑެއް ޖަހާ ޔުވެންޓަސް ސަލާމަތް ކޮށްދީފައެވެ.

މި މެޗުން ޔުވެންޓަސް އެއްވަރުވިއިރު، އައު ކޯޗު އަންދްރެއާ ޕިރްލޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުވެންޓަސްއަށް ފުރަތަމަ ފަސް މެޗުގެ ތެރެއިން މޮޅުވެވުނީ ދެ މެޗުންނެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ ތާވަލުގެ ފަސްވަނައިގައި ފަސް މެޗުން ނުވަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އޭސީ މިލާނަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ. އާދީއްތަ ދުވަހުގެރޭ ޔުވެންޓަސްއާ އެއްވަރުކުރި ވެރޯނާ އޮތީ ތާވަލުގެ އަށްވަނައިގައި ފަސް މެޗުން އަށް ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ނާޕޮލީ ވަނީ ބެނެވެންޓޯ އަތުން 2-1 ން މޮޅުވެފައެވެ. މި މޮޅާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި ފަސް މެޗުން 11 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް