ކ. މާލެ
|
25 އޮކްޓޯބަރ 2020 | އާދީއްތަ 03:04
ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި
ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޔުނައިޓެޑާއި ޗެލްސީ އެއްވަރު، ލިވަޕޫލަށް މޮޅެއް
ޔުނައިޓެޑާއި ޗެލްސީ އެއްވަރުވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި
ލިވަޕޫލް މޮޅުވީ ޝެފީލްޑް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން ފަހަތުން އަރައި ލިވަޕޫލް މޮޅުވެއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. އަދި އެ ހަމަލާތަކުގެ ހުރަހަކަށްވީ ދާދި ފަހުން ޗެލްސީއާ ގުޅުނު ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީއެވެ. އެގޮތުން ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ މާކަސް ރަޝްފޯޑާއި ހުއާން މާޓާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް މެންޑީ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ޔުނައިޓެޑުން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ކުޅެން އަރުވާފައެވެ. އޭނާ ކުޅެން އަރާ ފުރަތަމަ ބޯޅައިގައި ނުރައްކާތެރި ހަމަލާއެއް އުފެއްދިއިރު، އެ ހަމަލާ މެންޑީ ދިފާއުކުރިއެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް ރަޝްފޯޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއްވެސް މެންޑީ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

މި މެޗު އެއްވަރުވުމުން ލީގު ތާވަލުގެ ހަވަނައިގައި ޗެލްސީ އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި ޔުނައިޓެޑް އޮތީ ތާވަލުގެ 15 ވަނައިގައި ފަސް މެޗުން ހަތް ޕޮއިންޓާއެކުއެވެ.

ލިވަޕޫލާއި ޝެފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ން

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވީ ޝެފީލްޑް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ޕްރިމިއާ ލީގުގެ މެޗަކުން ބަލިނުވެ 62 މެޗު ހަމަކޮށްފައެވެ.

މި މެޗުގައި ލިވަޕޫލުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައި ނުވާއިރު، މެޗުގެ 13 ވަނަ މިނެޓުގައި ޝެފީލްޑުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޝެފީލްޑަށް ކާމިޔާބުކޮށްދިނީ ސަންޑާ ބާޖެވެ. މިއީ ލިވަޕޫލުގެ ފަބީނިއޯ ޕެނަލްޓީ އޭރިއާ ރޮނގު މަތިން ޝެފީލްޑުގެ އޮލިވިއާ މެކްބާނީއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ފަބީނިއޯގެ މި ފައުލާ ގުޅިގެން އެންމެ ފުރަތަމަ ޝެފީލްޑަށް ހިލޭ ޖެހުމެއް ދިނުމަށް ރެފުރީ ނިންމި ނަމަވެސް، ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ވަނީ ޝެފީލްޑަށް ޕެނަލްޓީއެއް ދީފައެވެ.

އެކަމަކު ލިވަޕޫލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބާޓޯ ފިރްމީނޯއެވެ. މިއީ މި ސީޒަނުގައި ފިރްމީނޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގެ 62 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން ފޯވާޑް މުޙައްމަދު ސަލާހު ލިވަޕޫލަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީއޭއާރުން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ސަޑިއޯ މާނޭ ހުރަސްކޮށްދިން ބޯޅައަކުން ފޯވާޑް ޑިއޭގޯ ޔޮޓާ ވަނީ ލިވަޕޫލަށް މި މެޗުގައި ލީޑު ނަގައިދީފައެވެ.

މި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ހަ މެޗުން 13 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދާފައިވާ އެވަޓަނެވެ. ލިވަޕޫލް އަތުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ހަ މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް