ކ. މާލެ
|
24 އޮކްޓޯބަރ 2020 | ހޮނިހިރު 21:24
ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-1 ން
ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގުު
ރާމޯސް އާއި މޮޑްރިޗުގެ ލަނޑުތަކުން ރެއާލް މޮޅުވެއްޖެ
ބާސާ އަތުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުން
މިއީ 2016 ވަނަ އަހަރަށްފަހު ބާސާގެ ދަނޑުގައި ކުޅެ ރެއާލުން މޮޅެއް ހޯދި ފުރަތަމަ ފަހަރު

ސްޕެނިޝް ލީގުުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އެލް ކްލަސިކޯ މެޗުން ބާސެލޯނާގެ މައްޗަށް ރެއާލް މެޑްރިޑް ކުރި ހޯދައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހަށްފަހު ބާސާގެ ދަނޑުގައި ކުޅެ ރެއާލުން މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރަތަމަ ހާފު ރެއާލުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، މި ހާފުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ކަރިމް ބެންޒެމާ ދިން ޕާހަކުން މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ވަލްވޭޑޭއެވެ. އެކަމަކު ރެއާލަށް މެޗުގައި ލީޑު ހިފަހައްޓާލެވުނީ ތިން މިނެޓަށެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޖޯޑީ އަލްބާ ދިން ޕާހަކުން ޒުވާން ތަރި އަންސޫ ފަޓީ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެއާއެކު އުމުރުން 17 އަހަރުގެ ފަޓީ ވެފައިވަނީ ކްލަސިކޯ މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރެއާލުގެ ފޯވާޑް ކަރިމކް ބެންޒެމާއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެސީ ހުހަށްހުރެ ފޮނުވާލި ބޯޅަ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ދިފާއުކުރިއިރު، ބެންޒެމާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބާސާގެ ގޯލްކީޕަރު ނެޓޯ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ބާސާގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގައި ރެއާލުން ދެވަނަ ފަހަރަށް ލީޑު ނެގީ 63 ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ރާމޯސްއަށް ބާސާގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ ކުރި ފައުލަކަށް، ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން ބާސާއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ރެއާލުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފައެވެ. އެކަމަކު ރެއާލުގެ ޓޯނީ ކްރޫސް އާއި ރާމޯސް ފޮނުވާލި ހަމަލާތައް ބާސާގެ ގޯލްކީޕަރު ނެޓޯ ވަނީ ދިފާއުކޮށްފައެވެ. އެކަމަކު މެޗު ފަހު މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިޑްފީލްޑަރު ލޫކާ މޮޑްރިޗް ވަނީ ލަނޑެއް ޖަހާ ރެއާލަށް މި މެޗުން ތިން ޕޮއިންޓް ހޯދައިދީފައެވެ.

މި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ވަނީ ހަ މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އަދި ބާސާ އޮތީ ތާވަލުގެ 10 ވަނައިގައި ފަސް މެޗުން ހަތް ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް