ކ. މާލެ
|
24 އޮކްޓޯބަރ 2020 | ހޮނިހިރު 13:27
ފާގައަކީ ސިއްހީ ގިނަގުނަ ފައިދާތައް ލިބިދޭ މޭވާއެއް
ފާގައަކީ ސިއްހީ ގިނަގުނަ ފައިދާތައް ލިބިދޭ މޭވާއެއް
ފެޝަންލޭޑީ
ފާގައިން ލިބޭ ފައިދާ
ފާގަ ކާންވީ ހަމައެކަނި ރުޅި ގަދަ މީހުންނެއް ނޫން!
ހަށިގަނޑުގެ ސެލްތަކާއި، ނާރުތައް ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދޭ
ފާގައަކީ ވިޓަމިން ސީ ވަރަށް ގިނައިން އެކުލެވިގެންވާ މޭވާއެއް
މިއީ ރާއްޖެއިން ފަސޭހައިން ލިބޭ މޭވާއެއް

އަހަރުމެންގެ އާންމު ދިރިއުޅުމުގައި ރުޅި އައުމުން ނުވަތަ ބާރަށް އެއްޗެއް ބުނެވޭ ހާލަތްތަކުގައި ވެސް ''ފާގަ ދިޔަ'' ބޯން ދާށޭ ގިނަ މީހުން ބުނެއުޅެއެވެ. އެގޮތުން ގިނަ ބަޔަކަށް ހީވެފައިވަނީ ފާގަ އަކީ ރުޅި ގަދަ މީހުން ކެއުމަށް ޚާއްސަ މޭވާއެއް ކަމަވެ. ނަމަވެސް ފާގައަކީ ހަމައެކަނި ރުޅި ގަދަ މީހުން ކާންޖެހޭ މޭވާއެއް ނޫނެއެވެ. އެއީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް ކެއުމަށް މުހިންމު މޭވާއެކެވެ.

މަޑު ފޮނި ރަހައެއް ދޭ މިމޭވާގެ އެކިވައްތަރުތައް ހުރެއެވެ. ރާއްޖެއިން ފަސޭހައިން ފާގަ ލިބޭއިރު، ގިނަ ބަޔަކު މިމޭވާއާ ދުރުކަން ވެސް ފާހަގަކުރެވެއެވެ. ނަމަވެސް ފާގައިން ލިބޭ ފައިދާތަކަށް ބަލާއިރު މިއީ ކެއުމުގައި ނުހިމަނާ ދޫކޮށްލަން ހެޔޮވާވަރުގެ މޭވާއެއް ނޫނެއެވެ.

ފާގައަކީ ވިޓަމިން ސީ ވަރަށް ގިނައިން އެކުލެވިގެންވާ މޭވާއަކަށް ވާތީ ގިނަ ބަލިތަކުން ދުރު ކޮށްދެއެވެ. ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް މުހިންމު ރޯލެއް އަދާ ކުރެއެވެ. އޭގެތެރޭގައި ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދިނުމާއި، ދިފާއީ ބާރު ވަރުގަދަކޮށް ދިނުމާއި، ހަށިގަނޑުން ސަރުބީ ދަށް ކުރުމާއި، ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.

މީގެ އިތުރުން ކެންސަރުގެ ބަލިތަކުން ދުރުކޮށްދޭއިރު، އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކާއި، ފާރުގަނޑު އަވަހަށް ފަސޭހަވުމާއި، ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކޮށްދޭ މޭވާއަކަށް ފާގަ މުހިންމު ރޯލެއް އަދާ ކުރެއެވެ.

ފާގައިން ޖޫސް ގިރައިގެން ވެސް ބޭނުން ކުރެވިދާނެ

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ފާގަ ކެއުމުގައި ބޭނުން ކުރުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އެއީ ވައިރަސްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުންނަ މޭވާއަކަށް ވެފައި ހަށިގަނޑުގެ ސެލްތަކާއި، ނާރުތައް ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެ ދޭތީއެވެ. އަދި އަނގަފާރުން ރައްކާތެރިކޮށްދޭއިރު، ހަކުރު ބައްޔާއި، ފުރަގަސް ފަރާތު ބައްޔަށް ވެސް ފަރުވާއެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ފާހަގައާ ބެހޭ ގޮތުން ޑރ ޢަބުދުލް ޢަޒީޒު ޙަމީދު ވިދާޅުވެފައިވާ ގޮތުގައި، ލޭވިހަވުމުން ގައިކަހައި ހިރުވައި، މުލިހިނެގުން ފަދަ ކަންތައްތަކަށް ފަރުވާކުރުމަށް ފާގަ ފަންޏަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.

އެގޮތުން ހައިބަނޑާހުރެ، 6-4 މަހާއި ދެމެދުގެ މުއްދަތަށް 2 ސައިސަމުސާ ފާގަ ފަނި ބޭނުންކުރުމުން ލޭގެ ތެރޭގައި ހުންނަ ވިހައާއި، ފުރަމޭ ވިހަތަކުން ސާފުކޮށްދޭ ކަމަށެވެ. މަޑުމަޑުން ނަތީޖާ ފެންނަމުންދާނެ ކަމަށް ޑރ.ޢަބުދުލް ޢަޒީޒު ޙަމީދު ވިދާޅުވެފައިވެއެވެ.

އެހެންކަމުން ފާގައަކީ ހަމައެކަނި ރުޅި ގަދަ މީހުން ކާންޖެހޭ މޭވާއެއް ނޫނެއެވެ. ހުރިހާ އުމުރުފުރައެއްގެ މީހުން މިމޭވާ ކެއުމުގައި ބޭނުން ކުރަން އެބަ ޖެހެއެވެ. ފޮނިކޮށް ޖޫސް ގިރައިގެން ބޭނުން ކުރެވޭއިރު، ކުޅިކޮށް ކައްކައިގެން ކެއުމުގައި ބޭނުން ކުރަން ވެސް މިމޭވާ ރަނގަޅުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް