ކ. މާލެ
|
23 އޮކްޓޯބަރ 2020 | ހުކުރު 23:18
މާފަންނު ސްޓޭޑިއަމުގައި އަޅާ ވޮލީބޯޅަ ދެ ކޯޓުގެ މަސައްކަތް ކުރިއަށްދަނީ
މާފަންނު ސްޓޭޑިއަމުގައި އަޅާ ވޮލީބޯޅަ ދެ ކޯޓުގެ މަސައްކަތް ކުރިއަށްދަނީ
ސޯޝަލް މީޑިއާ
ވޮލީބޯޅަ ދެ ކޯޓެއް އެޅުން
މާފަންނު ސްޓޭޑިއަމުގައި ވޮލީބޯޅަ ދެ ކޯޓެއް އަޅަނީ
"ރުމާލު 2" ޖަގަހަ ހުރި ސަރަހައްދުގައި ދެން އެޅިގެންދާނީ ތަމްރީނުކުރުމަށް އިންޑޯ ހޯލެއް
މާފަންނު ސްޓޭޑިއަމުގައި އަޅާ ދެ ކޯޓުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައި

މާފަންނު ޓްރެފިކް ޕޮލިސް ކުރިމަތީގައި ހުންނަ މާފަންނު ސްޓޭޑިއަމުގައި ވޮލީބޯޅަ ދެ ކޯޓެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންޓަރިމް ކޮމިޓީގެ މެންބަރު އަދި ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވެއްޖެއެވެ.

މާފަންނު ސްޓޭޑިއަމުގައި ވޮލީބޯޅަ ކޯޓުތައް އަޅަނީ ކުރިން ފުޓްސަލް ކުޅެން ބޭނުންކުރި ހުސް ބިމުގައެވެ.

"ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ކާއްޓޭ ވިދާޅުވީ މި ދެ ކޯޓުގެ މަސައްކަތަކީ ވީއޭއެމް އާއި ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، މި ދެ ކޯޓާއެކު ކުރިން "ރުމާލު 2" ޖަގަހަ ހުރި ސަރަހައްދުގައި އަޅަން ނިންމި ވަގުތީ އައުޓްޑޯ ވޮލީބޯޅަ ތިން ކޯޓުގެ ބަދަލުގައި ދެން އެތަނުގައި އެޅިގެންދާނީ ތަމްރީނުކުރުމަށް އިންޑޯ ހޯލެއް ކަމަށެވެ.

ކާއްޓޭ އިތުރަށް ވިދާޅުވީ މާފަންނު ސްޓޭޑިއަމުގައި އަޅާ ދެ ކޯޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، އެތަނުގައި ނުނިމިވާ މަސައްކަތަކީ ބިން އެއްވަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މީގެ ކުރިން "ރުމާލު 2" ޖަގަހަ ހުރި ސަރަހައްދުގައި ވޮލީބޯޅަ ކޯޓުތައް އެޅުމަށް ނިންމުމަށްފަހު، މާފަންނު ސްޓޭޑިއަމުގައި ވޮލީބޯޅަ ކޯޓުތައް އަޅާއިރު، މާލެ ވިލާ ކޮލެޖު ކުރިމަތީ ހުންނަ 369 ނަމްބަރު ކޮށީގައި އަޅާފައިވާ ވޮލީބޯޅަ ކޯޓު ހުރިތަން ރޫޅާ ސާފު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮންސްޓްރަކްޝަން ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެއާއެކު ވޮލީބޯޅަ ކޯޗުންނާއި ކުޅުންތެރިން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރިއެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައިވެސް ކާއްޓޭ ވަނީ ވޮލީބޯޅަ ކޯޓުތައް ނެތުމުގެ ގެއްލުން ވޮލީބޯޅަ އާއިލާއަށް ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ކުރާ ރަށް މާލެ އަކީ އެންމެ ގިނަ ވޮލީބޯޅަ ކުޅުންތެރިން ތިބި ރަށް ކަމަށާއި، މާލޭގައިވެސް ވޮލީބޯޅައަށް ހާއްސަ އެއްވެސް ކޯޓެއް ނެތުމަކީ ވޮލީއަށް ލިބިގެންދާ ދެރަ ކަމެއް ކަމަށްވެސް ކާއްޓޭ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް