ކ. މާލެ
|
23 އޮކްޓޯބަރ 2020 | ހުކުރު 21:22
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިން
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިން
ގެޓީ އިމޭޖަސް
ސޮންގެ އެއްބަސްވުން އާކުރުން
ސޮންއަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ހައްގު: މޮރީނިއޯ
ޓޮޓެންހަމާއެކު ސޮން މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު
އައު އެއްބަސްވުމާއެކު ސޮންގެ މުސާރަވެސް ބޮޑުކުރާނެ

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިންއަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ހައްގު ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޓޮޓެންހަމުން އުމުރުން 28 އަހަރުގެ ސޮންގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ފެށީ އެ ޓީމުގެ ކޯޗު މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ސޮން ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނާތީއެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅެދިން އަށް މެޗުގައި ނުވަ ލަނޑު ޖަހާފައެވެ.

ބަޔާ ލެވަކޫސެން ދޫކޮށް 2015 ވަނަ އަހަރު 22 މިލިޔަން ޕައުންޑަށް ޓޮޓެންހަމާ ގުޅުނު ފޯވާޑް، އެ ޓީމާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުއެވެ. އެހެންކަމުން ސޮންގެ އެއްބަސްވުން ދިގު މުއްދަތަކަށް އައު ކުރުމަށް ޓޮޓެންހަމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ސޮން މިހާރު ޓޮޓެންހަމާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފުތާއަކުން 150،000 (އެއް ލައްކަ ފަންސާސް ހާސް) ޕައުންޑުގެ މުސާރައެއް ލިބެއެވެ. އެހެންކަމުން ޓޮޓެންހަމުން ސޮންގެ އެއްބަސްވުން އާކުރާއިރު، އޭނާގެ މުސާރަވެސް ބޮޑުކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޓޮޓެންހަމުގެ ކޯޗު މޮރީނިއޯ ބުނީ ސޮންގެ އެއްބަސްވުން އާކުރަން އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، އެކަމަކު އޭނާގެ އެއްބަސްވުމުގައި އަދި ބާކީ ތިން އަހަރު އޮތުމުން އެކަމާ އަވަސް އަރުވާލައިގެން އުޅެން ނުޖެހޭ ކަމަށެވެ. އަދި ސޮން އަކީ ޓޮޓެންހަމުގެ ހުރިހާ އެންމެންވެސް ލޯބިވާ ކުޅުންތެރިއެއް ކަމަށާއި، ޓޮޓެންހަމުގެ ކުރިމަގުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއަކަށް ސޮން ވެގެންދާނެ ކަމަށެވެ. އެހެންކަމުން އޭނާއަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ދިނުން ހައްގު ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 237 މެޗުގައި 94 ލަނޑު ޖަހާފައެވެ. ޓޮޓެންހަމާއެކު ސޮންއަށް އަދި މިހާތަނަށް ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، އެ ޓީމުން 2018-2019 ވަނަ އަހަރުގެ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މުޅިން އަލަށް ވާދަކުރިއިރު، ސޮންގެ ދައުރު ބޮޑެވެ.

ސޮންގެ ކެޕްޓަން ކަމުގެ ދަށުން ދެކުނު ކޮރެއާއިން ވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ކާމިޔާބުކޮށްފައެވެ. އަދި އޭގެ ފަހުން އެ ގައުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން މި އަހަރުގެ ތެރޭގައި ސޮން ވަނީ އަސްކަރީ ތަމްރީނުތައްވެސް ފުރިހަމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް