ޓެރަރިސްޓުންނަށް ސަޕޯޓްކުރުމުގެ ގޮތުން އެމެރިކާ ސަރުކާރުން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދާކަމަށް އީރާނުން ބުނެފިއެވެ.
އީރާނުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ޓެރަރިސްޓުން ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދެމުންދަނީ ސިއްރިއްޔާތުގައި އެ ގައުމުން ހިންގަމުންދާ ހަރަކާތްތަކެއް ދަށުންނެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ޓެރަރިޒަމާއި ދެކޮޅަށް ހިންގާ ޙަރަކާތްތަކަށް ފާޑު ވިދާޅުވަމުން އީރާނުގެ ދިފާއީ ވަޒީރު ޖެނެރަލް ޙުސައިން ދަހްޤާން ވިދާޅުވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ހަމައެކަނިކުރާ މަސައްކަތަކީ ބައިނަލްއަގްވާމީ ޓެރަރިޒަމް ލީޑްކުރުން ކަމަށެވެ.
ޖެނެރަލް ދަހްޤާން ވިދާޅުވީ އެމެރިކާ ސިފައިން ރޭގަނޑުގެ އަދިރިކަމުގައި ވަރަށްވެސް ސިއްރިޔާތުގައި އައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށެވެ.
އެމެރިކާގެ މި ސިއްރު އަމަލު އީރާނާއި އިރާޤަށްވެސް އެގޭކަމަށާއި އައިއެސް އާއި އަލްގާއިދާ ފަދަ ޖަމާއަތްތަކާއި ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ނުވުމުގެ އަސްލަކީވެސް އެރިކާއިން ސިއްރުން އެޖަމާއަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން ކަމަށް ޖެނެރަލް ދަހްޤާން ވިދާޅުވިއެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓީސް އީރާނުން މެދުއިރުމަތީގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގައި މުޅި ސަރައްދު ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެފައެވެ.
އީރާނުގެ ތުހުމަތުތައް އެމެރިކާއަށް މި އަމާޒުވީ ޖޭމްސްގެ ވާހަކަތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެއީ އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް ވަނީ އީރާނަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.