އަފްޣާނިސްތާނުގެ އުތުރުގައި ޤާއިމްކޮށްފައިވާ ވަރަށް މުހިއްމު އަސްކަރީ މަރުކަޒަކަށް ތާލިބާން ހަނގުރާމަވެރިން ވަރުގަދަ ޙަމަލާއެއް ދީފިއެވެ.
ތާލިބާން ހަނގުރާމަވެރިންގެ ޚީލަތްތެރި މި ހަމަލާގައި މަދުވެގެން އަފްޣާންގެ 50 ސިފައިން މަރުވެފައިވާ ކަމަށް އަސްކަރިއްޔާގެ ތަރުޖަމާނަކާ ޙަވާލާދީ ޙަބަރުތައް ބުނެއެވެ.
މި ހަމަލާއާ ގުޅިގެން މަރުވި ސިފައިންގެ އަދަދު ކަމަށް އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ 8 އެވެ. ނަމަވެސް އެއަދަދު 50 ގާތްކުރާ ކަމަށް އަސްކަރިއްޔާ އިން ހާމަކޮށްފައިވެއެވެ.
އަސްކަރިއްޔާގެ މި މަރުކަޒު ޤާއިމް ކުރެވިފައިވަނީ އަފްޣާނިސްތާނުގެ ބަލްޚް ޕްރޮވިންސްގައި ކަމަށް އަސްކަރިއްޔާ އޮފިޝަލުން ބުނެއެވެ.
ތާލިބާނުން ނެރުނު ބަޔާނެއްގައި އަސްކަރީ މަރުކަޒަށް ދިން ޙަމަލާގެ ޒިންމާ ނަގާފައިވެއެވެ.
އަސްކަރިއްޔާއިން ހާމަކުރާ ގޮތުގައި ހުކުރު ދުވަހު މި ހަމަލާދީފައިވަނީ މަޒާރޭ ޝަރީފް ޝަހަރުގެ މިސްކިތެއްގެ ކައިރީގައެވެ. ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވަނީ އެހެންވެ ކަމަށް އެފަރާތުން ހާމަކުރެއެވެ.
ތާލިބާން ހަނގުރާމަވެރިން މިހަމަލާ ދިނުމަށް އެސަރަހައްދަށް ވަދެފައިވަނީ އަފްޣާން ސިފައިންގެ ޔުނީފޯމް ލައިގެންނެވެ. އަދި ހުރިހާ ޗެކް ޕޮއިންޓެއް ފަހަނައަޅާ ގޮސް އަސްކަރީ މަރުކަޒަށް ހަނގުރާމަވެރިން ހަމަލާދިނީއެވެ.
އަފްޣާން އަސްކަރިއްޔާގެ އިސް އޮފިޝަލަކު އޭއެފްޕީއާ ވާހަކަ ދައްކަމުން ވިދާޅުވީ ހުކުރު ދުވަހުގެ ވަރަށް ލަސްވަންދެން ޙަމަލާތައް ބަދަލު ކުރެވެމުންދިޔަ އަޑުތައް އިވުނު ކަމަށެވެ. އަދި ބައެއް ހަނގުރާމަވެރިން ޖާނު ގޮއްވާލައިގެންވެސް ހަމަލާދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވެފައިވެއެވެ.