ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 22:37
ވެން ޑައިކަށް އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ނުރައްކާތެރި ޓެކުލް
ވެން ޑައިކަށް އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ނުރައްކާތެރި ޓެކުލް
ގެޓީ އިމޭޖަސް
ވެން ޑައިކަށް އަނިޔާވުން
ވެން ޑައިކަށް އަނިޔާވުމުން އެވަޓަނުން މާފަށް އެދިއްޖެ
ވެން ޑައިކުގެ ކަކުލަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައި
ވެން ޑައިކަށް މި ސީޒަނުގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނޭ

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ އެވަޓަނާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ލިވަޕޫލުގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާވުމުން އެވަޓަނުން އެކަމަށް މާފަށް އެދިއްޖެއެވެ.

ލީގުގައި އެވަޓަނާ 2-2 ން ލިވަޕޫލް އެއްވަރުވި މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ވެން ޑައިކް ވަނީ ބަދަލުކޮށްފައެވެ. ވެން ޑައިކަށް އަނިޔާވީ އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. އެކަމަކު އެ ފައުލް ކުރުމުގެ ކުރިން ވެން ޑައިކް އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ އެއީ ފައުލެއް ކަމަށް ނިންމާފައެއް ނުވެއެވެ.

އެ މެޗުގައި ވެން ޑައިކަށް އަނިޔާވިއިރު، ރިޕޯޓުތައް ބުނާ ގޮތުން ވެން ޑައިކުގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އޭނާއަށް މި ސީޒަނުގެ ބާކީ ބައިގައި ނުކުޅެވޭނެއެވެ. ލިވަޕޫލުން ވެން ޑައިކް ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހޭކަން ކަށަވަރުކޮށްދިން ނަމަވެސް، އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ކިހާ މުއްދަތެއްގެ ތެރޭގައި ކަމެއް ނުބުނެއެވެ.

އެވަޓަނުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ވެން ޑައިކަށް އަނިޔާވުމުން އެވަޓަނުން އެކަމަށް ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށާއި، އޭނާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ. އަދި ވެން ޑައިކަށް ކުރެވުނު ޓެކުލާ ގުޅިގެން އެ ޓީމުގެ ގޯލްކީޕަރު ޕިކްފޯޑް ހުރީ ވަރަށް ބޮޑަށް ދެރަވެފައި ކަމަށާއި، އެކަމަކު އެއީ އޭނާ ގަސްދުގައި ކުރި ޓެކުލެއް ނޫން ކަމަށެވެ.

ޕިކްފޯޑް ކުރި ޓެކުލެއްގައި ވެން ޑައިކަށް އަނިޔާވި ނަމަވެސް، މި މައްސަލައިގައި ޕިކްފޯޑަށް ފިޔަވަޅު ނާޅަން އިނގިރޭސި އެފްއޭއިން މީގެ ކުރިން ވަނީ ނިންމާފައެވެ. އެ މައްސަލައިގައި ޕިކްފޯޑަށް ފިޔަވަޅެއް ނާޅަން އެފްއޭއިން ނިންމީ މެޗުގައި އެކަން ހިނގައިދިޔަ ގޮތް ވީއޭއާރުގެ އިތުރުން މެޗުގެ އޮފިޝަލުންވެސް ބެލުމާ ގުޅިގެންނެވެ.

މި އަނިޔާއާ ގުޅިގެން ސޯޝަލް މިޑިއާގައި ހިއްސާކުރި މެސެޖެއްގައި ވެން ޑައިކް ބުނީ އަނިޔާއިން ސަލާމަތްވެ އެނބުރި އަންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށެވެ.

ލިވަޕޫލުގެ އެންމެ މުހިންމު އަދި އެންމެ އިތުބާރު ޑިފެންޑަރު ނުލައި އެ ޓީމުން މުހިންމު ގިނަ މެޗުތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ޑިފެންޑަރެއް ގެންނާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް