ކ. މާލެ
|
21 އޮކްޓޯބަރ 2020 | ބުދަ 16:22
އެއްބަސްވުން އާކުރި ބާސާގެ ދެ ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭ އާއި ކްލެމެންޓް ލޯންގްލޭ
އެއްބަސްވުން އާކުރި ބާސާގެ ދެ ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭ އާއި ކްލެމެންޓް ލޯންގްލޭ
ގެޓީ އިމޭޖަސް
ބާސާގެ ކުޅުންތެރުން އެއްބަސްވުން އާކުރުން
ބާސާގެ ހަތަރު ކުޅުންތެރިއަކު އެއްބަސްވުން އާކޮށްފި
އެއްބަސްވުން އާކޮށްފައިވަނީ ޖެރާޑް ޕީކޭ، ކްލެމެންޓް ލޯންގްލޭ، މާކް-އަންދްރޭ ޓާ ސްޓެގެން އަދި ފްރެންކީ ޑި ޔޮން
ކޮވިޑް-19 ގެ މި ދަނޑިވަޅުގައި މި ކުޅުންތެރިންގެ މުސާރައިން ވަކި އިންސައްތައެއް އުނިކުރާނެ

ބާސެލޯނާއަށް ކުޅެމުން އަންނަ ހަތަރު ކުޅުންތެރިއަކު އެއްބަސްވުން އާކޮށްފިއެވެ.

އެގޮތުން އެއްބަސްވުން އާކޮށްފައިވަނީ ތަޖުރިބާކާރު ޑިފެންޑަރު ސްޕެއިނުގެ ޖެރާޑް ޕީކޭ އާއި، ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ އާއި، ޖަރުމަނުގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެންގެ އިތުރުން ނެދަލެންޑްސްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޔޮންއެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު މިހާރު އުމުރުން 33 އަހަރު ޕީކޭ ބާސާގެ އެއްބަސްވުން އާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި އައު އެއްބަސްވުމުގައި ވަނީ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީގެ ގޮތުގައި 500 މިލިޔަން ޔޫރޯ ހިމަނާފައެވެ.

އަދި ޑިފެންޑަރު ލޯންގްލޭ އާއި، މިޑްފީލްޑަރު ޑި ޔޮން ބާސާގެ އެއްބަސްވުން އާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ. މީގެ ކުރިން ސެވިއްޔާއަށް ކުޅުނު މިހާރު އުމުރުން 25 އަހަރުގެ ލޯންގްލޭ ބާސާއާ ގުޅެފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު 35 މިލިއަން ޔޫރޯއަށެވެ. އަދި އުމުރުން 23 އަހަރު ޑި ޔޮން ބާސާއާ ގުޅުނީ އަޔަކްސް ދޫކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު 75 މިލިއަން ޔޫރޯއަށް ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލޯންގްލޭގެ އެއްބަސްވުން އުވާލަން 300 މިލިޔަން ޔޫރޯ ދައްކަން ޖެހޭއިރު، ޑި ޔޮންގެ އެއްބަސްވުން އުވާލަން 400 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން ބާސާގެ ގޯލު ބަލަހައްޓަމުން އަންނަ ސްޓެގެން އެ ޓީމުގެ އެއްބަސްވުން އާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި ޕީކޭގެ އެއްބަސްވުމާ އެއްގޮތަށް ސްޓެގެންގެ އެއްބަސްވުމުގައިވެސް ވަނީ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީގެ ގޮތުގައި 500 މިލިޔަން ޔޫރޯ ހިމަނާފައެވެ.

ބާސާއިން އެ ޓީމުގެ ހަތަރު ކުޅުންތެރިއެއްގެ އެއްބަސްވުން އާކުރިއިރު، މި އެއްބަސްވުންތަކުގައި ވަނީ މި ކުޅުންތެރިންގެ މުސާރަ ވަގުތީ ގޮތުން ކުޑަކުރުމަށް ހިމަނާފައެވެ. އެގޮތުން ކޮވިޑް-19 ގެ މި ދަނޑިވަޅުގައި މި ކުޅުންތެރިންގެ މުސާރައިން ވަކި އިންސައްތައެއް އުނިކުރާނެއެވެ.

އެކަމަކު ދާދި ފަހުން ބާސާގެ ހުރިހާ ކުޅުންތެރިންނާއި މުވައްޒަފުންގެ މުސާރައިން 30 އިންސައްތަ އުނިކުރަން އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ހުށަހެޅުމުން ގިނަ ކުޅުންތެރިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް