އިނގިރޭސި ޕްރިމިއާ ލީގަށް އާސެނަލުން އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލަށް ފުރުސަތު ނުދޭން ނިންމައިފިއެވެ.
އާސެނަލުގެ ޕްރިމިއާ ލީގު ސްކޮޑުންވެސް އޮޒިލް ބާކީކުރިއިރު، މި ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގަށް އާސެނަލުން އެކުލަވާލި ސްކޮޑުންވެސް އޭނާއަށް ޖާގައެއް ދީފައެއް ނުވެއެވެ. އެހެންކަމުން އޮޒިލަށް ދެން އެންމެ އަވަހަށްވެސް އާސެނަލް ޖާޒީގައި ކުޅުމުގެ ފުރުސަތު ދެން ލިބޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.
އުމުރުން 31 އަހަރުގެ އޮޒިލް އާސެނަލުގެ އެއްބަސްވުމުގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. މި ފަހަކަށް އައިސް އާސެނަލުން އޮޒިލަށް ފުރުސަތު ދީފައި ނުވާއިރު، އެންމެ ފަހުން އޮޒިލް އާސެނަލަށް މެޗެއް ކުޅެދިނީ މީގެ ހަތް މަސް ކުރިންނެވެ.
އާސެނަލުގެ ސްކޮޑުން އޮޒިލް ބާކީކުރި ނަމަވެސް، އޮޒިލް އާސެނަލް ދޫކޮށްލާނީ އެއްބަސްވުން ހަމަވުމުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ.
އޮޒިލަށް އާސެނަލުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާއިރު، މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު މީގެ ކުރިން ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.
ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.