ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިންގެ އެއްބަސްވުން އާކުރަން ޓޮޓެންހަމް ހޮޓްސްޕާއިން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޓޮޓެންހަމުން އުމުރުން 28 އަހަރުގެ ސޮންގެ އެއްބަސްވުން އާކުރުމުގެ މަސައްކަތް ފެށީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ސޮން ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނާތީއެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅެދިން ފަސް މެޗުގައި ހަތް ލަނޑު ޖަހާފައެވެ.
ބަޔާ ލެވަކޫސެން ދޫކޮށް 2015 ވަނަ އަހަރު 22 މިލިޔަން ޕައުންޑަށް ޓޮޓެންހަމާ ގުޅުނު ފޯވާޑް، އެ ޓީމާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުއެވެ. ސޮން މިހާރު ޓޮޓެންހަމާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފުތާއަކުން 150،000 (އެއް ލައްކަ ފަންސާސް ހާސް) ޕައުންޑުގެ މުސާރައެއް ލިބެއެވެ. އެހެންކަމުން ޓޮޓެންހަމުން ސޮންގެ އެއްބަސްވުން އާކުރާއިރު، އޭނާގެ މުސާރަވެސް ބޮޑުކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ޓޮޓެންހަމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 236 މެޗުގައި 93 ލަނޑު ޖަހާފައެވެ. ޓޮޓެންހަމާއެކު ސޮންއަށް އަދި މިހާތަނަށް ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، އެ ޓީމުން 2018-2019 ވަނަ އަހަރުގެ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މުޅިން އަލަށް ވާދަކުރިއިރު، ސޮންގެ ދައުރު ބޮޑެވެ.
ސޮންގެ ކެޕްޓަން ކަމުގެ ދަށުން ދެކުނު ކޮރެއާއިން ވަނީ 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ކާމިޔާބުކޮށްފައެވެ. އަދި އޭގެ ފަހުން އެ ގައުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން މި އަހަރުގެ ތެރޭގައި ސޮން ވަނީ އަސްކަރީ ތަމްރީނުތައްވެސް ފުރިހަމަކޮށްފައެވެ.