ކ. މާލެ
|
19 އޮކްޓޯބަރ 2020 | ހޯމަ 14:29
މީގެ ކުރިން ޒުވާނުންގެ މަރުކަޒުގައި ކުޅުނު ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން
މީގެ ކުރިން ޒުވާނުންގެ މަރުކަޒުގައި ކުޅުނު ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން
މިހާރު
ވޮލީބޯޅައިގެ އިންޑޯ ކޯޓެއް ނެތުން
ވޮލީބޯޅައިގެ އިންޑޯ ކޯޓެއް ނެތުމުގެ ޒިންމާ ރިޔާޒް އާއި ލަތީފުވެސް ނަގަން ޖެހޭ: ކާއްޓޭ
ވޮލީބޯޅައަށް ބޮޑު ބިމެއް ލިބި، އެތަން ވަނީ ބޭނުން ނުކުރެވި އަތުން ބީވެފައި
ލަތީފުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްވާނަމަ، ކުޅުންތެރިންނަށް ގެއްލުންވާނެ ކަމަށް ކާއްޓޭ ވިދާޅުވި

ވޮލީބޯޅަ ކުޅުންތެރިންނަށް ކުޅޭނެ އިންޑޯ ކޯޓެއް ނެތުމުގެ ޒިންމާ މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްކަން ކުރި ދެ ބޭފުޅުންވެސް ނަގަން ޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުގެ އިންޓަރިމް ކޮމިޓީގެ މެންބަރު އަދި ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކާއްޓޭ ވިދާޅުވީ ވީއޭއެމްގެ ކުރީގެ ރައީސް މުޙައްމަދު ރިޔާޒުގެ ދައުރުގައި ބޮޑު ބިމެއް ވޮލީބޯޅައަށް ލިބިގެންދިޔަ ކަމަށާއި، އަދި އެ ބިން މުޙައްމަދު ލަތީފުގެ ދައުރުގައިވެސް އެސޯސިއޭޝަނުގައި އޮތް ކަމަށެވެ. އެހެން ނަމަވެސް ދެ ދައުރުގައިވެސް އެ ބިމުގައި އިންޑޯ ކޯޓެއް އެޅިފައި ނުވާ ކަމަށާއި، އެކަން ނުވެ ދިޔުމުގެ ޒިންމާ ދެ ބޭފުޅުންވެސް ނަގަން ޖެހޭނެ ކަމަށެވެ.

ވިލާ ކޮލެޖު ކުރިމަތިން ވޮލީބޯޅައަށް ލިބުނު ބިން ނެގިގެން ދިޔައީ މުޙައްމަދު ލަތީފުގެ ދައުރުގައި ކަމަށާއި، އެ ބިމުގައި އޭރު އިންޑޯ ކޯޓެއް އެޅުންނަމަ، މިއަދުވެސް ބިން އޮންނާނީ ވޮލީބޯޅައަށް ކަމަށާއި، އަދި އެ ބިމުން ވޮލީބޯޅަ ކުޅުންތެރިން ނެރި އެއްލައިލާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ކާއްޓޭ ވިދާޅުވިއެވެ.

އެހެން ކުޅިވަރުތަކަށް ލިބިފައިވާ ބިމާ އަޅާބަލާއިރު ބޮޑު ބިމެއް ވޮލީއަށް ލިބިގެންދިޔަ. އެހެން ނަމަވެސް މުޙައްމަދު ރިޔާޒުގެ ދައުރުގައިވެސް ކުޅުންތެރިންނަށް މަންފާއެއް ނުކުރާނެ ގޮތަކަށް އައުޓްޑޯ ކޯޓުތަކެއް އެތާ އެޅީ. ދެން އައީ މުޙައްމަދު ލަތީފް. ލަތީފުގެ ދައުރުގައިވެސް އެއްވެސް ކަމެއް ނުވެ އުޅެނިކޮށް، އެންމެ ފަހުން ބިންވެސް ގެއްލިގެންދިޔައީ. އެހެންވެ މި ދަންނަވަނީ ކުރީގެ މެނޭޖުމަންޓުންނޭ އިންޑޯއެއް އަޅަން ލިބުނު ފުރުސަތު ގެއްލުވާލީ.
ވީއޭއެމްގެ އިންޓަރިމް ކޮމިޓީގެ މެންބަރު މުޙައްމަދު ސާޖިދު (ކާއްޓޭ)

ވީއޭއެމްގެ މިހާރުގެ ރައީސް މުޙައްމަދު ލަތީފުގެ ހިންގާ ކޮމިޓީ އެސޯސިއޭޝަނުގެ މަސައްކަތްތަކުން އެކަހެރިކުރެވި، އެއް އަހަރު ވެފައިވާއިރު، އެއީ ރަނގަޅުކަމެއްތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ކާއްޓޭ ވިދާޅުވީ ލަތީފް އެކަހެރި ކުރެވުނީ މައްސަލަތަކެއް ފެންމަތިވެ އެކަން ބެލުމަށް ކަމަށާއި، ލަތީފުގެ މައްސަލައެއް އުޅޭނަމަ އެކަން ނިންމާނީ އެފްއައިވީބީން ކަމަށެވެ. އެހެން ކަމުން ލަތީފުގެ މައްސަލައެއް އުޅެއެކޭ އަދި މައްސަލައެއް ނޫޅެއެކޭ ވެސް ބުނެވެން ނެތް ކަމަށް ކާއްޓޭ ވިދާޅުވިއެވެ.

އެކަމަކު ލަތީފުގެ މައްސަލައަށް ގޮތެއް ނިންމަން ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މި މައްސަލަ ދިގުލައިގެންދާނަމަ އެ ކަމުގެ ގެއްލުން ވޮލީބޯޅަ ކުޅުންތެރިންނަށްވެސް ކުރާނެ ކަމަށް ކާއްޓޭ ވިދާޅުވިއެވެ.

ރާއްޖޭގައި މުބާރާތްތައް ކުޅުމަކަށްވެސް އަދި އެސޯސިއޭޝަނުގެ ކަންކަން ކުރުމަކަށްވެސް މިހާރުވެސް ދައްޗެއް ނެތް. އެހެން ނަމަވެސް މުޙައްމަދު ލަތީފުގެ މައްސަލަ ނުނިމި މި ގޮތަށް ދިގުދެމިގެންދާ ކަމަށް ވަނިއްޔާ އެކަމުގެ ސަބަބުން ވޮލީ ކުޅޭ ކުޅުންތެރިންނަށް ވަރަށް ބޮޑު އަސަރެއް ގެއްލުމެއް ކުރާނެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ދަތިތަކެއް ކުރިމަތިވެގެންދާނެ.
ވީއޭއެމްގެ އިންޓަރިމް ކޮމިޓީގެ މެންބަރު މުޙައްމަދު ސާޖިދު (ކާއްޓޭ)

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ވޮލީބޯޅައިގެ ހަރަކާތްތައް ހުއްޓިފައިވާއިރު، ހާލަތު ރަނގަޅުވުމާއެކު ކަލަންޑަރު ކުރެވިފައިވާ ހުރިހާ މުބާރާތްތަކެއްވެސް ފެށިގެންދާނެ ކަމަށް ކާއްޓޭ ވިދާޅުވިއެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީގެ ބާރު ކަނޑުވާލައި، އިންޓަރިމް ކޮމިޓީއަކުން އެސޯސިއޭޝަން ހިންގަމުންދާއިރު، އެސޯސިއޭޝަނުގެ އިންތިޚާބެއް ބޭއްވުމަށް މީގެ ކުރިން ދެ ފަހަރު މަސައްކަތްކުރިއެވެ. އެހެން ނަމަވެސް އެފްއައިވީބީން އިންތިޚާބު ބަލައި ނުގަންނާނެ ކަމަށް ބުނުމާއެކު އެކަން ވަނީ ހުއްޓިފައެވެ. އެއަށްފަހު އެފްއައިވީބީން ވަނީ ކޮމިޓީއެއް އެކުލަވާލާ ވީއޭއެމްގެ މައްސަލަ ބަލަން ފަށާފައެވެ. މި މައްސަލަ ބަލައި އެންމެ ފަހުގެ ނިންމުމާ ހަމައަށް ގޮސްފައިވާއިރު، އައު އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށް ވޮލީބޯޅަ އާއިލާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް