ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 22:08
ވެން ޑައިކަށް އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ނުރައްކާތެރި ފައުލް
ވެން ޑައިކަށް އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ނުރައްކާތެރި ފައުލް
ގެޓީ އިމޭޖަސް
ވެން ޑައިކަށް އަނިޔާވުން
ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ވެން ޑައިކް އޮޕަރޭޝަނެއް ކުރަނީ
އެވަޓަނާއި ލިވަޕޫލް އެއްވަރުވި މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ވެން ޑައިކް ވަނީ ބަދަލުކޮށްފައި
ވެން ޑައިކުގެ ކަކުލަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައި
ގާތްގަނޑަކަށް 7-8 މަހަށް ކުޅުމާ ދުރުގައި ވެން ޑައިކް ހުންނަން ޖެހޭނެ

ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކުގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ އެވަޓަނާ 2-2 ން ލިވަޕޫލް އެއްވަރުވި މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ވެން ޑައިކް ވަނީ ބަދަލުކޮށްފައެވެ. ވެން ޑައިކަށް އަނިޔާވީ އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެކަމަކު އެ ފައުލް ކުރުމުގެ ކުރިން ވެން ޑައިކް އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ އެއީ ފައުލެއް ކަމަށް ނިންމާފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ވެން ޑައިކުގެ ކަކުލަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. އެހެންކަމުން އަނިޔާއިން ރަނގަޅުވުމަށް ވެން ޑައިކް އޮޕަރޭޝަނެއް ކުރާއިރު، ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް މަހަށް ކުޅުމާ ދުރުގައި އޭނާ ހުންނަން ޖެހިދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އެވަޓަން މެޗަށްފަހު ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި މެޗުގައި އަނިޔާވުމުގެ ކުރިންވެސް ވެން ޑައިކް ހުރީ އަނިޔާގައި ކަމަށާއި، އެ އަނިޔާގައި ހުރެ އޭނާ ގިނަ މެޗުތަކެއް ކުޅުނު ކަމަށެވެ. އަދި މި މެޗުގައި ވެން ޑައިކް ބަދަލުކުރީ އެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވިގެން ކަމަށާއި، ފެންނަ ފެނުމަށް ވެން ޑައިކަށް ލިބުނު އަނިޔާ ރަނގަޅު ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ވެން ޑައިކުގެ އިތުރުން ލިވަޕޫލާ ދާދި ފަހުން ގުޅުނު ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާއަށްވެސް މި މެޗުގައި އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެއެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް އެވަޓަނުގެ ރިޗާލިސަން ތިއާގޯއަށް ނުރައްކާތެރި ފައުލެއް ކުރިއިރު، ރެފުރީ ވަނީ ރިޗާލިސަނަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މި މެޗު ނިމެންދެން ތިއާގޯ ކުޅުނު ނަމަވެސް، ކްލޮޕް ބުނީ މެޗަށްފަހު ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ކަމަށް ތިއާގޯ ބުނި ކަމަށާއި، އަނިޔާގެ ތަފުސީލެއް އިނގޭނީ ޓެސްޓުތައް ހެދުމަށްފަހު ކަމަށެވެ. ކޮވިޑް-19 އިން ރަނގަޅުވެ ކުޅުނު ފުރަތަމަ މެޗުގައި ތިއާގޯއަށްވެސް އަނިޔާވިއިރު، އޭނާއަށް ދާދި ފަހުންވެސް އަނިޔާއެއް ލިބުނެވެ. މީގެ އިތުރުން ލިވަޕޫލުގެ އިތުބާރު ގޯލްކީޕަރު އެލިސަން ބެކާވެސް ހުރީ އަނިޔާގައި ކުޅުމާ ދުރުގައެވެ.

ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލުން މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި 10 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް