ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ބާސެލޯނާވެސް ބަލިވެއްޖެއެވެ.
ރެއާލް ބަލިވީ އަމިއްލަ ދަނޑުގައި މިއަހަރު ލީގަށް އަލަށް ޕްރޮމޯޓުވި ކަޑިޒް އަތުން 1-0 ންނެވެ. މިއީ 29 އަހަރުތެރޭ ރެއާލް އަތުން ކަޑިޒް ހޯދި ފުރަތަމަ މޮޅެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ކަޑިޒްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ރެއާލުގެ ގޯލަށް ނުރައްކާކޮށްފައެވެ. އަދި އޭގެ ފަހުންވެސް ކަޑިޒްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހަމަލާތަކުގެ ހުރަހަކަށްވީ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާއެވެ.
މި މެޗުގައި ކަޑިޒްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އެންތަނީ ލޮޒާނޯއެވެ. މި މެޗުގައި ރެއާލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މުޅި މެޗުގައިވެސް ކަޑިޒްގެ ގޯލާ އަމާޒުކޮށް ރެއާލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެގޮތުން އެ ހަމަލާ އުފެއްދީ ރެއާލުގެ އިތުބާރު ފޯވާޑް ކަރީމް ބެންޒީމާއެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް ބަލިވުމުން، ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ބާސާއަށް ލިބުނެވެ. އެކަމަކު ބާސާ ވަނީ ރަށުން ބޭރުގައި ގެޓާފޭ އަތުން 1-0 ން ބަލިވެފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި މި ހާފުގައި ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބާސާގެ ފޯވާޑް އެންޓޮއިން ގްރީޒްމަނަށެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
ދެވަނަ ހާފުގައި ގެޓާފޭއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ގެޓާފޭއަށް ކާމިޔާބުކޮށްދިނީ ޖެމީ މަޓާއެވެ. މިއީ އޭރިއާ ތެރެއިން ގެޓާފޭގެ ޑިޔެނޭ ޑަކޯނަމަށް ބާސާގެ ފްރޭންކީ ޑި ޔޮން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި ލަނޑަށްފަހުވެސް ގެޓާފޭއަށް ވަނީ މި މެޗުގައި ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ކޫޗޯ ހެނާންޑޭޒްއަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ.
މި ނަތީޖާތަކާއެކު ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި އޮތީ ރެއާލެވެ. ތާވަލުގެ ދެވަނައިގައި އޮތް ގެޓާފޭ އާއި ތިންވަނައިގައި އޮތް ކަޑިޒް އަދި ހަތަރުވަނައިގައި އޮތް ގްރަނަޑާއަށްވެސް ވަނީ 10 ޕޮއިންޓް ލިބިފައެވެ. އަދި ބާސާ އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.