ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލިއޮނެލް މެސީގެ ސޮއި ހޯދުމުގެ މާލީ ގާބިލުކަން މެންޗެސްޓާ ސިޓީގައި އެބަހުރި ކަމަށް އެ ކުލަބުގެ ޗީފް ފުޓްބޯލް އޮޕަރޭޝަންސް އޮފިސަރު އޮމަރު ބެރަޑާ ބުނެފިއެވެ.
މި ނިމުނު ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް އެއްބަސްވުމުގައިވާ ގޮތުން މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.
އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ.
މި ނިމުނު ޓްރާންސްފާ ބާޒާރުގައި ބާސާ ދޫކޮށް މެސީ ބަދަލުވާން ބޭނުންވީ ސިޓީއަށް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި ސީޒަނުގައި އޭނާ ބާސާގައި މަޑުކުރި ނަމަވެސް، އުމުރުން މިހާރު 33 އަހަރުގެ މެސީގެ އެއްބަސްވުން ހަމަވުމާއެކު، އަންނަ ސީޒަން ނިމުމުން އޭނާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ދޫކޮށްލާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސިޓީގެ ޗީފް ފުޓްބޯލް އޮޕަރޭޝަންސް އޮފިސަރު އޮމަރު ބެރަޑާ ބުނީ މެސީ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، ކޮންމެ ކުލަބަކުންވެސް އޭނާ ބޭނުންވާނެ ކަމަށެވެ. އެގޮތުން ސިޓީންވެސް އޭނާ ހޯދުމަށް ޝައުގުވެރިވާ ކަމަށާއި، މެސީގެ ސޮއި ހޯދުމުގެ މާލީ ގާބިލުކަން އެ ކުލަބުގައި އެބަހުރި ކަމަށްވެސް ވަނީ ބުނެފައެވެ.
މި ނިމުނު ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމި ނަމަވެސް، ފަހުން މެސީ ވަނީ ބާސާއާއެކު ސުލްޙަވެފައެވެ. ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.