ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ހުށަހެޅި ހުށަހެޅުމަށް އެ ކުލަބުގެ ކުޅުންތެރިން ދެކޮޅު ހަދައިފިއެވެ.
ބާޓޮމެއޫއާ މެދު އެ ކުލަބުގެ ގިނަ ކުޅުންތެރިން ހިތްހަމަނުޖެހޭއިރު، ދާދި ފަހުން ބާޓޮމެއޫ ވަނީ ކުޅުންތެރިންނާއި އެ ކުލަބުގެ މުވައްޒަފުންގެ މުސާރައިން 30 އިންސައްތަ އުނިކުރަން ހުށަހަޅާފައެވެ. އެކަމަކު އެ ހުށަހެޅުމަށް އެ ކުލަބުގެ ކުޅުންތެރިން ވަނީ ދެކޮޅު ހަދާފައެވެ.
ބާސާގެ ކުޅުންތެރިންނާއި މުވައްޒަފުންގެ މުސާރަ ކުޑަކުރަން ބާޓޮމެއޫ ހުށަހެޅިއިރު، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބާސާގެ މެންބަރުން ވަނީ 20,687 މީހުންގެ ސޮޔާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައެވެ. ބާސާގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް16,520 މީހުންގެ ސޮއި ބޭނުންވާއިރު، މި މަހުގެ ކުރީކޮޅު ބާސާއިން ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވިކަން ހާމަކޮށްފައެވެ.
ބާޓޮމެއޫގެ ހުށަހެޅުން ގަބޫލުނުކުރަން ބާސާގެ ކުޅުންތެރިން މި ފަހަރު ނިންމި ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އެހީވުމަށް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ބާސާގެ ކުޅުންތެރިން ވަނީ މުސާރައިން 70 އިންސައްތަ އުނިކުރަން އެއްބަސްވެފައެވެ. އެ ފަހަރު ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމީ އެ ކުލަބުގެ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށް ޝަރުތުކޮށެވެ.