އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އެވަޓަން ބައްދަލުކުރި ޑާބީ މެޗު އެއްވަރުވެއްޖެއެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
އެވަޓަނުގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އެންޑީ ރޮބަޓްސަން ދިން ޕާހަކުން މި ލަނޑު ލިވަޕޫލަށް ކަމިޔާބުކޮށްދިނީ ފޯވާޑް ސަޑިއޯ މާނޭއެވެ.
ލިވަޕޫލުން ލީޑު ނަގާފައިވަނިކޮށް މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ލިވަޕޫލުގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަނީ ބަދަލުކޮށްފައެވެ. އަދި ވެން ޑައިކް ބޭލިތާ އަށް މިނެޓު ފަހުން އެވަޓަނުން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. ހަމޭސް ރޮޑްރިގޭޒް ނަގައިދިން ކޯނަރަކުން މި ލަނޑު އެވަޓަނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މައިކަލް ކީނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ލިވަޕޫލުގެ މާނޭ އާއި ޖޯޑަން ހެންޑަސަނަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، އެވަޓަނުގެ ރިޗާލިސަން އަދި ހަމޭސްވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.
މި މެޗުގައި ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނެގީ 72 ވަނަ މިނެޓުގައި ފޯވާޑް މުޙައްމަދު ސަލާހު ކާމިޔާބުކުރި ލަނޑުންނެވެ. މިއީ 2017 ވަނަ އަހަރު ރޯމާ ދޫކޮށް ލިވަޕޫލާ ގުޅުނު ސަލާހު އެ ޓީމަށް ޖަހައިދިން 100 ވަނަ ލަނޑެވެ.
އޭގެ ފަހުން މި މެޗުގައި ލިވަޕޫލުގެ ޖޮއެލް މަޓިޕް އާއި ސަލާހު ފޮނުވާލި ނުރައްކާތަރި ދެ ހަމަލާއެއް އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އެކަމަކު މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ލޫކަސް ޑީނިއާ ނަގައިދިން ހުރަހަކުން ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ އެވަޓަނަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑާއެކު މި ސީޒަނުގައި މިހާތަނަށް އެވަޓަނުން ކުޅުނު ފަސް މެޗުގައިވެސް ކަލްވެޓް-ލެވިން ލަނޑު ޖަހާފައިވާއިރު، މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.
މި މެޗުގައި އެވަޓަނަށް މައްސަލަތަކެއް ކުރިމަތިވީ މެޗު ނިމެން ގާތްވެފައި ވަނިކޮށް އެ ޓީމުގެ ރިޗާލިސަނަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ލިވަޕޫލުގެ ތިއާގޯ އަލްކަންޓާރާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
އެއާއެކު މެޗުގެ އިތުރު ވަގުތުގައި މާނޭ ދިން ޕާހަކުން ލިވަޕޫލުގެ ކެޕްޓަން ހެންޑަސަން ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު މާނޭ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.
މި ނަތީޖާއާއެކު މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެވަޓަން ތާވަލުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ފަސް މެޗުން ވަނީ 10 ޕޮއިންޓު ލިބިފައެވެ.