ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ސަރުކާރުން ހަދާފައިވާ ސިއްހީ އުސޫލުތަކާ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޚިލާފުވެފައިވާ ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ދެއްކެވި ވާހަކަތަކަށް ރޮނާލްޑޯ ރައްދު ދީފިއެވެ.
ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު ރޮނާލްޑޯ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒުޓިވްވީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެންމެ ފުރަތަމަ ޕޯޗުގަލުގައި ރޮނާލްޑޯ އައިސޮލޭޓްވިއިރު، އޭނާ ވަނީ ހާއްސަ އިހުތިޔާރެއްގެ ދަށުން އަމިއްލަ ޖެޓުގައި ބުދަ ދުވަހު އެނބުރި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ.
އެކަމާ ގުޅިގެން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވީ ރޮނާލްޑޯ އުސޫލާ ޚިލާފުވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި، ވަކި ރޮނާލްޑޯ ވީމަ ހާއްސަ ހުއްދައެއް ނުދޭ ކަމަށެވެ. އަދި މީގެ ކުރިންވެސް އެކުލަވާލާފައިވާ އުސޫލުތަކުގެ ދަށުން ނަގަންޖެހޭ ބައެއް ހުއްދަތަކެއް ފުރިހަމަނުވެ ހުއްޓައި ރޮނާލްޑޯ އިޓަލީ ދޫކޮށް ޕޯޗުގަލަށް ދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން ރޮނާލްޑޯ އޭނާގެ ރަސްމީ އިންސްޓަގްރާމުގައި ކުރި ލައިވް އިންޓަވިއުއެއްގައި ބުނީ އެއްވެސް އުސޫލަކާ ޚިލާފު ނުވާ ކަމަށާއި، އޭނާ ދަތުރުކުރީ ހުރިހާ ހުއްދައެއް ހޯދައިގެން ކަމަށެވެ. އަދި އޭނާ އުސޫލާ ޚިލާފުވެފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރޮނާލްޑޯ އަނބުރާ އިޓަލީއަށް އައީ އުސޫލާ ޚިލާފަށް ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއިރު، މި މަހުގެ ކުރީކޮޅު ޔުވެންޓަސްގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންވެސް މުޅި ޓީމު އައިސޮލޭޓް ކޮށްފައިވަނިކޮށް، އެ ފަހަރު ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ ބައެއް ކުޅުންތެރިން ވަނީ ކޮވިޑް-19 ގެ ޓެސްޓުގެ ނަތީޖާ ނުލިބެނީސް ގައުމީ ޓީމުގެ މެޗުތައް ކުޅެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކަށް ގޮސްފައެވެ.
އެއާއެކު ޔުވެންޓަސްއިން އައިސޮލޭޝަން ގަވާއިދާ ޚިލާފުވި ކުޅުންތެރިންގެ މައްސަލަ ވަނީ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. އަދި މި މައްސަލައިގައި ޓިއުރިންގެ ޤާނޫނީ އިދާރާތަކުން އެ ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ދާދި ފަހުން އެ ޓީމަށް ކުޅެމުން އަންނަ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ޔުވެންޓަސްގެ ސްކޮޑް އަލުން ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ.