އޮކްޓޯބަރ 14 ވަނަ ދުވަހު ބޭއްވި ބިލްބޯރޑް އެވޯރޑްސްގައި އެމެރިކާގެ ހިޕްހޮޕް ތަރި ޕޯސްޓް މެލޯން ނުވަ އެވޯޑް ހާސިލްކޮށްފިއެވެ.
ޕޯސްޓް މެލޯން ހާސިލްކުރި އެވޯޑްތަކުގެ ތެރޭގައި، އާޓީސްޓް އޮފް ދަ އިޔަރ އާއި ހިޕްހޮޕް ކެޓެގަރީގެ ގިނަ އެވޯޑްތަކެއް ހިމެނެއެވެ. މި އެވޯޑް ހަފްލާގައި ގިނަ އެވޯޑްތަކެއް ހާސިލްކުރި ތަރިންގެ ތެރޭގައި އާރްއެންބީ ތަރި ޙާލިދް، ލިލް ނަސް އެކްސް އާއި ބިލީ ރޭ ސައިރަސްގެ އިތުރުން ބިލީ އައިލިޝް ހިމެނެއެވެ.
ބިލީ އައިލިޝް ހޯދި އެވޯޑްތަކުގެ ތެރޭގައި ބިލްބޯޑް އެވޯރޑްގެ ޓޮޕް ފީމޭލް އާރޓިސްޓް 2020 ގެ އިތުރުން ޓޮޕް ނިއު އާޓިސްޓްގެ އެވޯޑް ވެސް ހިމެނެއެވެ. ޓޮޕް ފީމޭލް އާޓިސްޓް އެވޯޑް ބިލީ އައިލިޝް ހާސިލްކުރީ މިދިޔަ އަހަރު އެވޯޑް ހާސިލް ކުރި އާރިޔާނާ ގްރާންޑޭ އަދި ތިން ފަހަރަށް އެވޯރޑް ހާސިލްކުރި ޓެއިލަރ ސްވިފްޓްގެ މައްޗަށް ކުރި ހޯދާފައެވެ.
ބިލީ އައިލިޝްއަށް ލިބުނު ބެސްޓް ނިއު އާޓިސްޓް އެވޯޑް އެންމެ ފަހުން އަންހެން އާޓިސްޓަކަށް ލިބިފައިވަނީ 2014 ވަނަ އަހަރުއެވެ. އެ ފަހަރު އެ އެވޯޑް ހާސިލްކުރީ ނިއު ޒީލެންޑުގެ ލަވަކިޔުންތެރިޔާ ލޯރޑްއެވެ.
އުމުރުން 22 އަހަރުގެ އެމެރިކާގެ ލަވަކިޔުންތެރިޔާ ޙާލިދްއަށް ލިބުނު އެވޯޑްތަކަށް ބަލާއިރު، އޭނާ ނޮމިނޭޓްވީ 12 ކެޓަގަރީގެ ތެރެއިން ހާސިލްކުރި ފަސް އެވޯޑުގެ ތެރޭގައި ގިނައީ އާރްއެންބީ ކެޓެގަރީން ހޯދާފައި ހުރި އެވޯޑްތަކެވެ. އޭގެ ތެރޭގައި ޓޮޕް އާރްއެންބީ އާޓިސްޓް އޮފް ދަ އިޔަރ އެވޯޑް ހިމެނެއެވެ.
މި އަހަރުގެ ބިލްބޯޑް އެވޯރޑްސް 2020 ގައި ތަފާތު ގިނަކަންތައް ވެފައިވާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއްކަންތަކަކީ ޖޯން ލެޖެންޑް އޭނާގެ އަންހެނުންނަށް ހަދިޔާކުރި ޕާރފޯމަންސްއެވެ.
"ނެވާރ ބްރޭކް" ލަވަޔަކީ މި ފަހުން ޖޯން ލެޖެންޑްގެ އަންހެނުން ބައިގެން ދިޔަ ހާދިސާއާ ގުޅިގެން، ދެ މީހުން އެކުގައި ތަހައްމަލު ކުރަމުން ދިޔަ ހިތްދަތިކަން ސިފަކޮށްދޭ މޮޅު ލަވައެއް ކަމަށް ބުނެ ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.
އެވޯރޑް ހާސިލް ކުރި އިތުރު ފަރާތްތަކަށް ބަލާލާއިރު ބޮރެއާގެ ބޮއި ގްރޫޕް ބީޓީއެސް، ލިޒޯ، ހެރީ ސްޓައިލްސް، ޖޯނަސް ބްރަދަރސް، ޕިންކް، ކަރޑީ ބީ، ޕެނިކް އެޓް ދަ ޑިސްކޯ، އެލްޓަން ޖޯން، ދަ ޗެއިން ސްމޯކަރސް އަދި ކާންޔޭ ވެސްޓް ހިމެނެއެވެ.
މި ފަހަރުގެ ބިލްބޯރޑް އެވޯރޑްސް 2020 ބާއްވަން ކުރިން ހަމަޖެހިފައި އޮތީ އޭޕްރިލް 29 ގައިއެވެ. ނަމަވެސް ކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރުމުގެ ސަބަބުން މި އެވޯރޑް އޮކްޓޯބަރ 14 އަށް ފަސް ކުރެވިގެން ދިޔައެވެ. ޓީވީ ތަކުން މި އެވޯޑް ހަފްލާ ވަގުތުން ދުރަށް ދައްކާފައިވާ އިރު، މި ހަފްލާ ބޭއްވިގެން ދިޔައީ ލޮސް އޭންޖެލިސްގެ ޑޮލްބީ ތިއޭޓާގައެވެ.