ކ. މާލެ
|
16 އޮކްޓޯބަރ 2020 | ހުކުރު 22:00
ދާދި ފަހުން ޓޮޓެންހަމާ ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް އެ ޓީމުގެ ފަރިތަކުރުންތަކުގައި
ދާދި ފަހުން ޓޮޓެންހަމާ ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް އެ ޓީމުގެ ފަރިތަކުރުންތަކުގައި
ގެޓީ އިމޭޖަސް
ބޭލް އަނިޔާއިން ރަނގަޅުވުން
ވެސްޓް ހޭމާ ދެކޮޅަށް ބޭލް ކުޅެފާނެ: މޮރީނިއޯ
ބޭލްގެ ކަކުލަށް އަނިޔާވީ ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށް
ބޭލް އަންނަނީ ޓޮޓެންހަމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ކުޅޭ މެޗުގައި އެ ޓީމާ ދާދި ފަހުން ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ޓޮޓެންހަމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ރެއާލުން އުމުރުން 31 އަހަރުގެ ފޯވާޑް ލޯނު އުސޫލުން ދޫކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.

ޓޮޓެންހަމާ ގުޅުނުއިރު ބޭލް ހުރީ އަނިޔާގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ބޭލްގެ ކަކުލަށް އަނިޔާވީ މިދިޔަ ސެޕްޓެމްބަރު މަހު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމަށް ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށެވެ. މީގެ ކުރިން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބޭލްގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް ނުކުމެވޭނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅުއެވެ.

ޓޮޓެންހަމުގެ ފަރިތަކުރުންތަކުގައި ބޭލް މިހާރު ބައިވެރިވަމުން އަންނައިރު، ވެސްޓް ހޭމް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ މި މެޗުގައި ބޭލް ކުޅުމުގެ ފުރުސަތު ބޮޑު ކަމަށާއި، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އެކަމަކު ވެސްޓް ހޭމް މެޗުގައި ބޭލް ނުފެނިއްޖެ ނަމަ، ބުރާސްފަތި ދުވަހުގެރޭ ޔުއެފާ ޔޫރޮޕާ ލީގުގައި ޓޮޓެންހަމުން ކުޅޭ މެޗުގައި ބޭލް ފެނުމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ބުންޏެވެ.

ސައުތެމްޓަން ދޫކޮށް 2007 ވަނަ އަހަރު ފަސް މިލިޔަން ޕައުންޑަށް ޓޮޓެންހަމާ ގުޅުނު ބޭލް އެންމެ ފުރަތަމަ ވިދާލީވެސް އެ ކުލަބުންނެވެ. އެގޮތުން ބޭލް ވަނީ ޓޮޓެންހަމްގައި ހޭދަކުރި ހަ ސީޒަނުގައި އެޓީމަށް 203 މެޗު ކުޅެދީ 55 ލަނޑު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ރެއާލަށް ބަދަލުވެ އެޓީމުގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ. އެކަމަކު ރެއާލްގެ ކޯޗުގެ މަގާމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން ބޭލަށް މާކަ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބޭލް ރެއާލުގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ.

ބައިނަލްއަގުވާމީ މެޗުތަކަށްފަހު ހޮނިހިރު ދުވަހު ޕްރިމިއާ ލީގު އަލުން ފަށާއިރު، ވެސްޓް ހޭމާ ދެކޮޅަށް ޓޮޓެންހަމް ނުކުންނާނީ އާދީއްތަ ދުވަހުގެރެއެވެ. އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ކުޅޭ މި މެޗު ފަށާނީ އެރޭ ރާއްޖެ ގަޑިން 20:30 ގައެވެ.

- ކޮމެންޓް