ކ. މާލެ
|
16 އޮކްޓޯބަރ 2020 | ހުކުރު 21:42
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ
ގެޓީ އިމޭޖަސް
ޑި ބްރޭނާއަށް އަނިޔާވުން
އަނިޔާގެ ސަބަބުން ޑި ބްރޭނާއަށް އާސެނަލް މެޗުގައި ނުކުޅެވޭނެ
އިންގްލެންޑް މެޗުގެ 73 ވަނަ މިނެޓުގައި ޑި ބްރޭނާ ވަނީ އަނިޔާގެ ސަބަބުން ބާލާފައި
އައިސްލެންޑާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗުގައިވެސް ޑި ބްރޭނާ ކުޅެފައެއް ނުވޭ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅޭ މެޗުގައި ފިޓްނަސް މައްސަލައެއްގައި ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށް ނުކުޅެވޭނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެރޭ ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑް އަތުން 2-1 ން ބެލްޖިއަމް ބަލިވި މެޗުގެ 73 ވަނަ މިނެޓުގައި ޑި ބްރޭނާ ވަނީ އަނިޔާގެ ސަބަބުން ބާލާފައެވެ. އެއަށްފަހު ބުދަ ދުވަހުގެރޭ އައިސްލެންޑާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުން ޑި ބްރޭނާ ވަނީ ވަކިވެފައެވެ.

އޭރު ބެލްޖިއަމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލަކު ބުނީ ޑި ބްރޭނާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ. އަދި އެ އަނިޔާއިން ރަނގަޅުވެ އާސެނަލް މެޗުގައި އޭނާއަށް ކުޅެވޭނެ ކަމަށް ބެލެވުނެވެ.

އެކަމަކު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޑި ބްރޭނާ އެއްކޮށް ފިޓްނުވާ ކަމަށާއި، އެހެންކަމުން އާސެނަލް މެޗުގައި އޭނާ ނުފެންނާނެ ކަމަށެވެ.

އާސެނަލް މެޗުގައި ޑި ބްރޭނާއަށް ނުކުޅެވުނު ނަމަވެސް، މީގެ ކުރިން ބުރަކައްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުން ވަކިވި ސިޓީގެ ފޯވާޑް ރަހީމް ސްޓާލިންއަށް މި މެޗުގައި ކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިޓީއަށް އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ޓީމުގެ ބްރެޒިލުގެ ފޯވާޑް ގަބްރިއެލް ޖީސޫސްވެސް ހުރީ އަނިޔާގައެވެ. އެކަމަކު މި އަހަރުގެ ޖޫން މަހު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަންނަނީ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ބައިނަލްއަގުވާމީ މެޗުތަކަށްފަހު ޕްރިމިއާ ލީގުގައި ސިޓީން އާސެނަލާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުގެރެއެވެ. ސިޓީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް