މިއަހަރުގެ ސަރުކާރުގެ ހަރަދު 257.5 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ދައްކާ ގޮތުން އޮކްޓޫބަރ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 19.9 ބިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ހަރަދު ކޮށްފައި ވަނީ 20.1 ބިލިއަން ރުފިޔާއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 15.1 ބިލިއަން ރުފިޔާ ފާއިތުވި އަހަރު ކުރިއިރު، މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައި ވަނީ 13.7 ބިލިއަން ރުފިޔާއެވެ.
އެގޮތުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް 3,297.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، މުވައްޒަފުންގެ އެލަވަންސް އަށް 2,940 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. ޕެންޝަނަށް 826.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، ރިޓަޔަމެންޓް ބެނެފިޓްގެ ގޮތުގައި 342.5 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސްގެ ގޮތުގައި 6,163.5 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
މީގެ އިތުރުން، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 6,188.5 މިލިއަން ރުފިޔާ މި އަހަރުގެ އޮކްޓޫބަރ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ހޭދަ ކޮށްފައިވާ އިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ހޭދަ ކޮށްފައި ވަނީ 4,962.0 މިލިއަން ރުފިޔާއެވެ.
އޮކްޓޫބަރ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 10.8 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރު ލިބުނު 18.4 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 41.3 އިންސައްތަ ދަށް އަދަދެކެވެ.