މޫސުން ގޯސްވެ ށ. އަތޮޅުން ތ. އަތޮޅަށް ޔެލޯ އެލަރޓް ނެރެެ, އުދަ އަރާފާނެ ކަމަށް ލަފާކޮށް ސަމާލުވާން އެދިއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ށ. އަތޮޅުން ތ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އެލަރޓް ނެރިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 11:00ން ފެށިގެން މެންދުރުފަހު 3:00އާ ހަމައަށެވެ. ސެޓްލައިޓް ފޮޓޯތައް ދައްކާ ގޮތުން ރާއްޖޭގެ މަތީގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާ ވަނީ އުފެދިފައެވެ.
ހުކުރު ދުވަހުގެ ހެނދުނު 10:00ން ހޮނިހިރު ދުވަހުގެ ހެނދުނު 10:00ށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާ އިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ. އަދި ދެކުނުގެ އެކިހިސާބަށް ކެރިއާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އަދި ރާއްޖެތެރޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާއި ދެމެދު ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާ ކަމަށާއި، އެހެންކަމުން ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.