މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތް ކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ޏ.ފުވައްމުލަކުގެ އިތުރުން ތ.އަތޮޅާއި ބ. އަތޮޅުގައި ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން މާލެ އާއި ފުވައްމުލަކު ސިޓީ އާ ދެމެދު ދަތުރު ކުރާ ބޯޓަކުން އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް މި ހިނގާ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރާއި، 36 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
އެ ބޯޓުން ބޭލި ފޮށިގަނޑެއް ހިފައިގެން އެ ދެމީހުން ދަނިކޮށް މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 211 ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރ 14 ވަނަ ދުވަހު ހިރިލަންދޫގައި ވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ މައްސަލައިގައި މަސްތުވާތަކެއްޗާއެކު 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވެއެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 12 ކަރުދާސްކޮޅާއި، ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުންވެސް މަސްތުވާތަކެތި ގެންގުޅޭ ކަމަށް ހިރިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެހެން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 43 އަހަރުގެ ދިވެހި ފިރިހެނެއް އެ ރަށުން ހައްޔަރު ކޮށްފައިވެއެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ހުއްޓުވައި ބަލައި ފާސްކުރަން އުޅުނު ވަގުތު ބިންމައްޗަށް އެއްޗެއް ވައްޓައިލިތަން ފެނުމުން ފުލުހުން އެ ނަގައި ބެލިއިިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑާއަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މީގެއިތުރުން ބ. ދަރަވަންދޫގައި ވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ.
އެ އޮޕަރޭޝަން ހިންގާފައިވަނީ ދަރަވަންދޫ ޕޮލިސް ޑެސްކާއި، ބ.ކެންދޫ ޕޮލިސް ޑެސްކާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި އޮކްޓޯބަރ 13 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި ދަރަވަންދޫ ޕެޓްރޯލް ޝެޑް ކައިރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ރަބަރުޕެކެޓް (ކުޑަ) އަދި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ.