ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 19:35
ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ރޮނާލްޑޯ ވައިރަހަށް ޕޮޒިޓިވްވުން
ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ޕޯޗުގަލުގެ ސްކޮޑުން ރޮނާލްޑޯ ބާކީކޮށްފި
ރޮނާލްޑޯ މިހާރު ވަނީ އައިސޮލޭޝަނަށް ބަދަލުވެފައި
ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ކުޅެފައި

ކޮވިޑް-19 އަށް ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕޮޒިޓިވްވުމުން، ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރަމުން އަންނަ ޕޯޗުގަލުގެ ސްކޮޑުން އޭނާ ބާކީކޮށްފިއެވެ.

ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ޕޯޗުގީސް ފުޓްބޯލް ފެޑެރޭޝަނުން އަންގާރަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ. އެއާއެކު ރޮނާލްޑޯ މިހާރު އައިސޮލޭޝަނަށް ބަދަލުވެފައިވާ ކަމަށާއި، ޕޯޗުގަލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް ވައިރަހަށް ޓެސްޓުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރައިން ވަނީ ހާމަކޮށްފައެވެ.

ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ދާދި ފަހުން ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ކުޅެފައެވެ. އެ މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗަށްފަހު ޕޯޗުގަލް ޓީމު އެނބުރި އަމިއްލަ ގައުމަށް މިހާރު ގޮސްފައިވާއިރު، އަމިއްލަ ގައުމުގައި ބުދަ ދުވަހުގެރޭ އެ ޓީމުން ސްވިޑެންއާ ދެކޮޅަށް ކުޅޭނެއެވެ.

ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް މިފަހަރުގެ މުބާރާތުގައި އެ ޓީމު ހިމެނެނީ ލީގު އޭ ގްރޫޕް ތިނެއްގައެވެ. އެންމެ ފަހުން ކުޅުނު މެޗުން ފްރާންސާއި ޕޯޗުގަލް އެއްވަރުވިއިރު، ފްރާންސާއި ޕޯޗުގަލަށް ކުޅުނު ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އެކަމަކު ގްރޫޕުގެ އެއްވަނަ ޕޯޗުގަލަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ތިންވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކު ކްރޮއޭޝިއާ އޮތްއިރު، ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ސްވިޑެންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް