ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 22:29
ސާބިއާގެ މިލޮރަޑް ކިޔާޗް ގައުމީ ވޮލީބޯޅަ ޓީމަށް އިރުޝާދު ދެނީ
ސާބިއާގެ މިލޮރަޑް ކިޔާޗް ގައުމީ ވޮލީބޯޅަ ޓީމަށް އިރުޝާދު ދެނީ
މިހާރު
މިލޮރަޑުގެ އެއްބަސްވުން ހަމަވުން
ގައުމީ ވޮލީބޯޅަ ޓީމަށް އައު ކޯޗެއް ގެންނަން އިންޓަރިމް ކޮމިޓީން ނުވިސްނަން: ކާއްޓޭ
ކޯޗު މިލޮރަޑް ކިޔާޗް އާއި ޓްރެއިނަރު ކިޔަޗް ރަޑޯވަންގެ އެއްބަސްވުން ވަނީ ހަމަވެފައި
އައު ކޯޗެއް ގައުމީ ވޮލީބޯޅަ ޓީމަށް ގެންނަނަމަ އެކަން ކުރާނީ ވީއޭއެމްގެ އިންތިޚާބަށްފަހު

ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އާއި އޭނާގެ ޓްރެއިނަރު ކިޔަޗް ރަޑޯވަންގެ އެއްބަސްވުން ހަމަވެފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިންޓަރިމް ކޮމިޓީގެ މެމްބަރު މުޙައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވެއްޖެއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުގެ އިސްނެންގެވުމާއެކު ގައުމީ ވޮލީބޯޅަ ޓީމަށް މިލޮރަޑް އާއި ރަޑޯވަން ގެންނަން ހަމަޖެއްސީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކާއްޓޭ ވިދާޅުވީ ގައުމީ ވޮލީބޯޅަ ޓީމަށް ގެނައި ފެންވަރު ރަނގަޅު ކޯޗު މިލޮރަޑް އާއި އޭނާގެ ޓްރެއިނަރު ރަޑޯވަންގެ އެއްބަސްވުން ހަމަވެފައިވާ ކަމަށާއި، އެކަމަކު ގައުމީ ވޮލީބޯޅަ ޓީމަށް އައު ކޯޗެއް ގެނައުމުގެ ވިސްނުން ވީއޭއެމްގެ އިންޓަރިމް ކޮމިޓީން ނުގެންގުޅޭ ކަމަށެވެ. އަދި އައު ކޯޗެއް ގައުމީ ވޮލީބޯޅަ ޓީމަށް ގެންނަނަމަ އެކަން ކުރާނީ ވީއޭއެމްގެ އިންތިޚާބަށްފަހު އެ އެސޯސިއޭޝަނާއި ހަވާލުވާ ބަޔަކު ކަމަށް ކާއްޓޭ ވިދާޅުވިއެވެ.

ކާއްޓޭ ވިދާޅުވީ ގައުމީ ވޮލިބޯޅަ ޓީމާ ހަވާލުވި ދެ ކޯޗުންނަކީ ވަރަށް ރަނގަޅު ދެ ކޯޗުން ކަމަށާއި، އެކަމަކު ކޯޗުންގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފޭގޮތް ނުވި ކަމަށެވެ. އަދި ވިދާޅުވީ ކޯޗުންގެ ބޭނުން އެންމެ އެދެވޭ ގޮތަށް ނުހިފުނީ ކޯޗުންގެ ފެންވަރާ އަޅާ ބަލާއިރު، ރާއްޖޭގައި ތަމްރީނު ހެދުމަށް ބޭނުންވާ ވަސީލަތްތައް މަދުވުމުން ކަމަށާއި، އެގޮތުން ވޮލީބޯޅައަށް ހާއްސަ އިންޑޯ ކޯޓެއް ނެތުމާއި، ޖިމް އަދި އެ ނޫންވެސް ވަސީލަތްތައް ނެތުން ހިމެނޭ ކަމަށެވެ.

ކާއްޓޭ އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތަށްފަހު ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށާއިރު ފެނިގެންދާނީ އައު ކޯޗުން ކަމަށާއި، ކުރީގެ ކޯޗުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ކުޅިވަރާއި ބެހޭ ވަޒީރުގެ އިސްނެންގެވުމާއެކު ވޮލީބޯޅަ ޓީމު ރަނގަޅު ތަމްރީނުތަކެއް ދިނުމުގެ ވިސްނުމުގައި މިލޮރަޑާ ޓީމު ހަވާލުކޮށް ތަމްރީނުތައް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭނާގެ ކޯޗުކަމުގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްފައެވެ. އެ މުބާރާތުގައި ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ޓީމުގެ ކުޅުން ވަނީ ރަނގަޅުކޮށްފައެވެ.

ކޮވިޑް-19 ގެ ސަަބަބުން ގައުމީ ވޮލީބޯޅަ ޓީމުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލުމަށްފަހު އަލުން ނުފަށައެވެ. އެންމެ ފަހުން ޓީމު ފަރިތަކުރީ މިދިޔަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާން ތާވަލުކުރި އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން މިދިޔަ މާޗު މަހު ސާބިއާގައި ޓްރެއިނިން ކޭމްޕްގައެވެ. އެކަމަކު މިހާރު އެ މުބާރާތްވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް