ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އަންނަ މިހުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ 2 މީހަކަށް ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.
އެ ސެންޓަރުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާދޭ މީހުންނަށް ބަލާލާ އިރު އަދަދުތައް ކޮންމެވެސް ވަރަކަށް އިތުރުވެފައވާ ކަމަށެވެ.
އެގޮތުން ޑީއެޗް 11ގެ އައިސީޔޫގައި އެކަކަށް ފަރުވާ ދެމުންދާ އިރު، ޑީއެޗް 16ގެ ވޯޑުގައި 3 މީހުންނަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 64 މީހަކު ތިބި އިރު އޭގެ ތެރެއިން 62 މީހުން ތިބީ ވޯޑުގައި ކަމަށާއި އަނެއް 2 މީހުން ތިބީ އައިސީޔޫގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި 6 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިވަގުތު ޖުމްލަ 74 މީހުން ފެސިލިޓީސްތަކުގައި ފަރުވާ ދެމުން ދާއިރު ވޯޑުގައި 71 މީހުން އަދި އައިސީޔޫގައި 3 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ވެންޓިލޭޓަރުގައި އެކަކު ވެސް ނެތް ކަމަށެވެ.
ކޮވިޑްގެ މައުލޫމާތު ހާމަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ ނެގުނު ޖުމްލަ ސާމްޕަލްގެ އަދަދަކީ 168،233 ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 10،859 ކަމަށާއި، މިވަގުތު 144 ސާމްޕަލް ޕެންޑިންގައި އެބަހުރި ކަމަށެވެ. މީގެ އިތުރުން ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި 1338 ސާމްޕަލް ޓެސްޓް ކުރެވިފައިވާ އިރު 51 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައި ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައި 44 ކޭސް އަދި މާލެއިން ބޭރުގައި 7 ކޭހެވެ.
މިހާތަނަށް 9683 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދަކީ 34އެވެ. މިވަގުތު އަތޮޅު ތެރޭގެ 22 ރަށެއްގައި 160 ބަލިމީހުން ތިބި ކަމަށް އެޗްޕިއޭގެ މައުލޫމާތުތަކުން ދައްކައެވެ. ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ފުލޫ ކުލިނިކްތަކަށް 120 މީހަކު ދައްކާ 108 ސާމްޕަލް ވަނީ ނަގާފައެވެ.
އެޗްއީސޯއީން ބުނީ ހޮނިހިރު ދުވަހު ރާއްޖެ އައި މީހުންގެ އަދަދަކީ 599 ކަމަށެވެ. އަދި ޖުލައި 15ން ފެށިގެން މިހާތަނަށް 37876 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ.