ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 17:24
ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
އެފްއޭއެމް
މާޒިޔާއިން ފަރިތަކުރުންތައް ފެށުން
އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ޓީމަކަށް މާޒިޔާ
އެޗްޕީއޭއިން ވަނީ ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ދީފައި
މާޒިޔާއިން ފަރިތަކުރުންތައް ފެށީ އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް
ހޮނިހިރު ދުވަހު މާޒިޔާއިން ކުރިއަށް ގެންގޮސްފައިވަނީ ކުޅުންތެރިންގެ ފިޓްނަސް ޓެސްޓުތައް

ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިނުމާއެކު ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަރިތަކުރުންތައް ފަށައިފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު އެޗްޕީއޭއިން ވަނީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދީފައެވެ. އަދި ބުރާސްފަތި ދުވަހު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ގެ އިތުރުން އެ އިދާރާގެ އޮފިޝަލުންނާއި، ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީގެ އިތުރުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއި ފުލުހުން އެކުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ނިއު ނޯމަލްގައި ފަރިތަކުރުންތައް ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިން ފައިނަލް ކޮށްފައެވެ.

އެއާއެކު ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާއިން ވަނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އެފްއޭއެމް ޓާފް ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ފަރިތަކުރުންތަކުގައި މާޒިޔާއިން ކުރިއަށް ގެންގޮސްފައިވަނީ ކުޅުންތެރިންގެ ފިޓްނަސް ޓެސްޓުތަކެވެ.

ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

މާޒިޔާއިން ހޮނިހިރު ދުވަހު ފަރިތަކުރުންތައް ފެށިއިރު، މާޒިޔާ ވެފައިވަނީ އައު ސީޒަނަށް ފަރިތަކުރުންތައް ފެށި ފުރަތަމަ ޓީމަށެވެ. މިދިޔަ ސީޒަނަށްވެސް އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއެވެ.

ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން މާޒިޔާއިން ފަރިތަކުރުންތައް ފެށިއިރު، މިދިޔަ އޮގަސްޓް މަހުވެސް އެ ޓީމުން ވަނީ ފަރިތަކޮށްފައެވެ. އެ ފަހަރު މާޒިޔާއިން ފަރިތަކުރީ ހާއްސަ ހުއްދައެއްގެ ދަށުން އޭއެފްސީ ކަޕަށް ތައްޔާރުވުމަށެވެ. އެކަމަކު ފަހުން އޭއެފްސީ ކަޕް ކެންސަލް ކުރުމުންް މާޒިޔާއިން ފަރިތަކުރުންތައް ހުއްޓާލިއެވެ.

ކޮވިޑް-19 އާ ގުޅިގެން އައު ސީޒަން ފެށުން ލަސްވެފައިވާއިރު، އަންނަ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ދާދި ފަހުން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުދިނުމުގެ ތެރެއިން ކުޅިވަރު ހަރަކާތްތަކަށް ހުއްދަ ދެވޭނީ ފެންނަ ކޭސްތަކުގެ އަދަދަށް ބެލުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް