ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 14:37
މީގެ ކުރިން ޒުވާނުންގެ މަރުކަޒުގައި ކުޅުނު ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން
މީގެ ކުރިން ޒުވާނުންގެ މަރުކަޒުގައި ކުޅުނު ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން
މިހާރު
ވޮލީބޯޅަ ކޯޓުތައް ނެތުން
އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ވޮލީބޯޅަ ކޯޓުތައް ނެތުން: ކާއްޓޭ
މާލޭގައި ވޮލީބޯޅައަށް ހާއްސަ އެއްވެސް ކޯޓެއް ނެތް
އެންމެ ބޮޑަށް އުންމީދުކުރަނީ ފެންވަރު ރަނގަޅު ވޮލީބޯޅަ އިންޑޯ ކޯޓެއް އެޅިގެންދިޔުން ކަމަށް ކާއްޓޭ ވިދާޅުވި

ވޮލީބޯޅަ ކުޅޭ ކުޅުންތެރިންނާއި އެއްވަރަށް ކޯޓުތައް ހެދިފައިނުވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންޓަރިމް ކޮމިޓީގެ މެމްބަރު މުޙައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކާއްޓޭ ވިދާޅުވީ ވޮލީބޯޅައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވޮލީބޯޅައަށް ހާއްސަ ކޯޓުތައް ހެދިފައި ނެތުން ކަމަށާއި، އެގޮތުން ވޮލީބޯޅަ ކުޅޭ ކުޅުންތެރިންނާ އެއްވަރަށް ކޯޓުތައް އަދިވެސް ހެދިފައިނުވާ ކަމަށެވެ. އަދި ވެރިކަން ކުރާ ރަށް މާލެ އަކީ އެންމެ ގިނަ ވޮލީބޯޅަ ކުޅުންތެރިން ތިބި ރަށް ކަމަށާއި، މާލޭގައިވެސް ވޮލީބޯޅައަށް ހާއްސަ އެއްވެސް ކޯޓެއް ނެތުމަކީ ވޮލީއަށް ލިބިގެންދާ ދެރަ ކަމެއް ކަމަށެވެ.

އަޅުގަނޑު އަބަދުވެސް ދައްކަމުން އަންނަ ވާހަކައަކީ ވޮލީ ކުޅޭ މީހުންނާ އެއްވަރަށް ކޯޓުތައް އެޅިފައި ނުވާ ވާހަކަ. މާލެއަށް ބަލައިލިކަމުގައި ވިޔަސް ފެންނަނީ މިހެން. ވޮލީއަށް ހާއްސަ ކޯޓެއް މާލެއަކުވެސް ނެތް.
މުޙައްމަދު ސާޖިދު (ކާއްޓޭ)

ކާއްޓޭ އިތުރަށް ވިދާޅުވީ އަތޮޅު ތެރޭގައިވެސް ދެ ޖިންސުގެ މީހުން އެންމެ ގިނައިން ކުޅޭ ކުޅިވަރަކީ ވޮލީބޯޅަ ކަމަށާއި، އެހެންނަމަވެސް އަތޮޅު ތެރޭގެ ކުޅުންތެރިންނަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ފެންވަރު ރަނގަޅު ވޮލީބޯޅަ ކޯޓެއް ނެތުމުގެ މައްސަލަ ކަމަށެވެ.

އެކަމަކު ކުރިޔަށް އޮތް ތަނުގައި އެންމެ ބޮޑަށް އުންމީދުކުރަނީ ފެންވަރު ރަނގަޅު ވޮލީބޯޅަ އިންޑޯ ކޯޓެއް އެޅިގެންދިޔުން ކަމަށާއި، އޭގެ އިތުރުން އަތޮޅުތެރޭގައި ކުޅޭ ކުޅުންތެރިންނަށްވެސް ފެންވަރު ރަނގަޅު ކޯޓުތަކެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ކާއްޓޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރު އައިފަހުން މިހާރު ވޮލީބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަތަން ފެންނަ ކަމަށާއި، އެގޮތުން މިހާރު ވެސް ބައެއް ރަށްތަކުގައި ފެންވަރު ރަނގަޅު ވޮލީބޯޅަ އައުޓްޑޯ ކޯޓުތައް އެޅެމުންދާތަން ފެންނަ ކަމަށެވެ.

އަދި ފެންވަރު ރަނގަޅު ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމަށް އެންމެ މުހިންމު ކަމަކީ ފެންވަރު ރަނގަޅު ކޯޓުތަކެއް ލިބުން ކަމަށްވެސް ކާއްޓޭ ވިދާޅުވިއެވެ.

ކާއްޓޭ މިހެން ވިދާޅުވިއިރު، "ޖަޒީރާ ރާއްޖެ" ކުޅިވަރު ސިޔާސަތުގެ ދަށުން މިހާރުވެސް އަންނަނީ ރާއްޖޭގެ ބައެއް ރަށްތަކުގައި ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އަޅަމުންނެވެ.

އަދި މީގެ ކުރިން މާލޭގެ ވިލާ ކޮލެޖު ކުރިމަތީ އޮންނަ 369 ނަމްބަރު ކޮށީގައި އަޅާފައިވާ ދެ ވޮލީބޯޅަ ކޯޓު ހުރިތަން ރޫޅާލުމުން ވޮލީބޯޅަ ކޯޗުންނާއި ކުޅުންތެރިން ކަންބޮޑުވުން ފާޅުކުރިއިރު، ކުރިން ރުމާލު ދޭއް ޖަގަހަ ހުރި ބިމުގައި ވަގުތީ ތިން ކޯޓު އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަޙްލޫފް ވަނީ ވޮލީބޯޅައަށް ހާއްސަ ކުރެވިފައިވާ ބިމުގައި ވީ އެންމެ އަވަހަކަށް ރަނގަޅު ފެންވަރެއްގެ އިންޑޯ ކޯޓުތަކެއް އެޅުމަށްވެސް ރޭވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް