ކޮވިޑް-19 ގެ ސަބަބުން އިނގިރޭސިވިލާތުގައި ބަންދު ކުރަން ޖެހުނު ވިޔަފާރިތަކުގެ މުވައްޒަފުންގެ މުސާރައިގެ ބައެއް އެގައުމުގެ ސަރުކާރުން ދޭން ނިންމައިފިއެވެ.
އިންޑިޕެންޑެންޓް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން އިނގިރޭސިވިލާތުގައި ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅުަތަކާއި އެކު ބަންދު ކުރަން ޖެހުނު ވިޔަފާރިތަކުގެ މުވައްޒަފުންގެ މުސާރައިގެ ތިން ބައި ކޮށްފަ ދެ ބައި އެގައުމުގެ ސަރުކާރުން ދޭނެ ކަމަށް ސަރުކާރުގެ މިނިސްޓަރުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން އިނގިރޭސިވިލާތުގެ ޓްރެޝަރީ އިން ވަނީ އެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެންމެ ބޮޑުވެގެން 2،000 ޕައުންޑް ދޭން ނިންމާފައެވެ. އަދި ލޮކްޑައުންގެ ސަބަބުން ބަންދު ކުރަން ޖެހުނު ވިޔަފާރިތަކަށް 3،000 ޕައުންޑްގެ ގްރާންޓްސް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މި އެހީ ލިބޭނީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ގާނޫނީ ގޮތުން ބަންދު ކުރަން ޖެހުނު ވިޔަފާރިތަކުގެ މުވައްޒަފުންނަށް ކަމަށް އެ ނޫހުގައި ވަނީ ފާހަގަކޮށްފައެވެ.
ވިޔަފާރިތަކާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކުރަން ޖެހޭ ކަންތައްތައް ކުރާނެ ކަމަށް އިނގިރޭސި ސަރުކާރުން ފާހަގަކޮށްފައިވާ އިރު، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް އޮތްތާނގައި ހަރުކަށި ކުރަން ޖެހިއްޖެ ނަމަ ކުރާނެ ކަމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.