ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 22:14
އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް
ގެޓީ އިމޭޖަސް
ޔޫރޮޕާ ލީގު ސްކޮޑުން އޮޒިލް ބާކީކުރުން
އާސެނަލުގެ ޔޫރޮޕާ ލީގު ސްކޮޑުން އޮޒިލަށް ފުރުސަތެއް ނެތް
އޮޒިލް އާސެނަލަށް މެޗެއް ކުޅެދިނީ މީގެ ހަތް މަސް ކުރިން
މި ސީޒަނުގައި އާސެނަލުން ކުޅުނު އެއްވެސް މެޗަކަށް އެކުލަވާލި ސްކޮޑުން އޮޒިލަށް ފުރުސަތު ދީފައެއް ނުވޭ

ޔުއެފާ ޔޫރޮޕާ ލީގަށް އާސެނަލުން އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލަށް ފުރުސަތު ނުދޭން ނިންމައިފިއެވެ.

އުމުރުން 31 އަހަރުގެ އޮޒިލް އާސެނަލުގެ އެއްބަސްވުމުގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. މި ފަހަކަށް އައިސް އާސެނަލުން އޮޒިލަށް ފުރުސަތު ދީފައި ނުވާއިރު، އެންމެ ފަހުން އޮޒިލް އާސެނަލަށް މެޗެއް ކުޅެދިނީ މީގެ ހަތް މަސް ކުރިންނެވެ. އަދި މި ސީޒަނުގައި އާސެނަލުން ކުޅުނު އެއްވެސް މެޗަކަށް އެކުލަވާލި ސްކޮޑުން އޮޒިލަށް ފުރުސަތު ދީފައިނުވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުގެ ކޯޗު މިކޭލް އާޓެޓާގެ ޕްލޭނުގައި އޮޒިލް ނުހިމެނެއެވެ.

ޔޫރޮޕާ ލީގަށް އާސެނަލުން އެކުލަވާލި ސްކޮޑުން އޮޒިލަށް ފުރުސަތެއް ދީފައި ނުވާއިރު، ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަނުގައި ދެން އާސެނަލަށް މެޗެއް ކުޅެދޭނެ ނުޖެހޭނެ ކަމަށް އޮޒިލް ގަބީލުކުރެއެވެ. އެކަމަކު އޭނާ އާސެނަލް ދޫކޮށްލާނީ އެއްބަސްވުން ހަމަވުމުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ.

އޮޒިލަށް އާސެނަލުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާއިރު، މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު މީގެ ކުރިން ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.

ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް