ކޮވިޑްގެ ކޭސްތައް ފެނި މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނުކުމެވޭނެ ކަމަށާއި، އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެޗްއީއޯސީން އިލްތިމާސް ކޮށްފިއެވެ.
އެޗްއީއޯސީގެ އަތޮޅުތަކުގެ ކްލަސްޓާއާއި ހަވާލުވެ ހުންނެވި އަބްދުﷲ މައުރޫފް ވިދާޅުވީ ރަށެއް މޮނިޓަރިންގެ ހާލަތަށް ލެވިއްޖެ ނަމަ އެރަށެއްގައި އާންމުން އަމަލުކުރަންވީ ބައެއް އުސޫލުތައް އާންމުކޮށް އިއުލާން ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން ބައެއް ކަންކަން ލިމިޓް ކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުކުތުން މަނާކުރެވިގެންދާ ކަމަށެވެ.
ޒަރޫރީ ބޭނުމަކަށް ނުކުންނަ ނަމަ މާސްކު އެޅުން އެއީ ކުރަން ޖެހޭ ކަމެއް. މޮނިޓަރިންގެ ހާލަތުގައި އޮންނަ ދުވަސްތަކުގައި ސްކޫލްތައް ބަންދުވެގެންދާނެ. ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޑައިން އިން މެދުކެނޑިގެންދާނެ. އެހެންނަމަވެސް ޓޭކްއަވޭ ޑެލިވަރީގެ ހިދުމަތް އާންމު އުސޫލުގެ ތެރެއިން ކަނޑައަލާ އިންތިޒާމެއްގެ ތެރެއިން ހަމަޖެހިގެންދާނެ. މީގެ އިތުރުން އެ ރަށެއްގައި ޓީމް ކުޅިވަރުތައް މެދުކެނޑިގެންދާނެ. އަދި މަސައްކަތުގެ މާހައުލުގައާއި ފިހާރަތަކުގައި މާސްކް އެޅުމާއި 3 ފޫޓުގެ ދުރުމިން ބެހެއްޓުން އެއީ އެރަށެއް މޮނިޓަރިންގެ ހާލަތުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ބައެއް ކަންކަން،އެޗްއީއޯސީގެ އަތޮޅުތަކުގެ ކްލަސްޓާއާއި ހަވާލުވެ ހުންނެވި އަބްދުﷲ މައުރޫފް
މައުރޫފް ވިދާޅުވީ ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ހާއްސަ ފިޔަވަޅުގެ ތެރެއިން ކުރެވޭނެ އަދި ހުއްދަ ދެވޭނެ ބައެއް ކަންކަން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތެއް ހޯދުމަށް ރަށަށް އެރުން ނުވަތަ ފޭބުން ހިމެނޭ ކަމަށެވެ. އަދި ސިއްހީ ހިދުމަތަކަށް އެދޭނަމަ ދަތުރުކުރާ ހޮސްޕިޓަލަކަށް ނުވަތަ ހެލްތް ފެސިލިޓީއަކާއި ކޮމިއުނިކޭޓް ކުރެވިގެން ދަތުރުކުރާނަމަ ކަންކަން ދުރާލާ ރޭވިގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ރަށަށް ބޭނުންވާ ކާބޯތަކެތި، ތެޔޮ އަދި ގޭހާއި ފެންފަދަ ތަކެތި އެރަށަކަށް އަރުވާ ބޭލުމަށް ކައުންސިލްތަކާއި މަޝްވަރާ ކުރެވިގެން އެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށާއި، އެހެންނަމަވެސް މޮނިޓަރިންގައި އޮންނަ ވަގުތުތަކުގައި އުޅަނދުން ގެންނަ ތަކެތި އެ ރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުން ކަނޑައަޅާ ސަރަހައްދަކަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.