ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 15:21
ޔުވެންޓަސްގެ ފަރިތަކުރުންތަކުގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައޮލޯ ޑިބާލާ
ޔުވެންޓަސްގެ ފަރިތަކުރުންތަކުގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައޮލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޔުވެންޓަސްގެ ކުޅުންތެރިން ގަވާއިދާ ޚިލާފުވުން
ރޮނާލްޑޯ އާއި ޔުވެންޓަސްގެ އިތުރު ކުޅުންތެރިންތަކެއްގެ މައްސަލައެއް ބަލަނީ
ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ ބައެއް ކުޅުންތެރިން ވަނީ ކޮވިޑް-19 ޓެސްޓުގެ ނަތީޖާ ނުލިބެނީސް ގައުމަށް ގޮސްފައި
ގައުމަށް ދިޔައީ ރޮނާލްޑޯގެ އިތުރުން ޑިބާލާ، ކުއަޑްރާޑޯ، ޑަނީލޯ އަދި ބެންޓަންކޫރު

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެ ޓީމުގެ އިތުރު ކުޅުންތެރިންތަކެއް ގަވާއިދާ ޚިލާފުވުމުން އިޓަލީގެ ސިއްހީ އިދާރާތަކުން އެ ކުޅުންތެރިން މައްސަލަ ބަލަން ފަށައިިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޔުވެންޓަސްގެ ދެ މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ޓީމުގެ ކުޅުންތެރިން ޔުވެންޓަސްގެ ހޮޓެލުގައި އައިސޮލޭޓް ކުރި ނަމަވެސް، އިޓާލިއަން ލީގުގައި ނާޕޮލީއާ ދެކޮޅަށް އާދީއްތަ ދުވަހުގެެރޭ ކުޅެން އޮތް މެޗަށް ޓީމު އެއްކޮށް ވަނީ ދަނޑަށް ގޮސްފައެވެ. އެކަމަކު ނާޕޮލީންވެސް ކޮވިޑް-19 އަށް ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމާއެކު އެ މެޗަށް ނާޕޮލީ ހާޒިރުވެފައެއް ނުވެއެވެ. އަދި ނާޕޮލީގެ މުޅި ޓީމު އައިސޮލޭޓް ވާން ނޭޕްލްސް ސިއްހީ އިދާރާއިން ވަނީ އަންގާފައެވެ.

އިޓަލީގެ ސިއްހީ އިދާރާތަކުން ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން ޓީމެއްގެ ކުޅުންތެރިއަކު ނުވަތަ އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނުލިބެނީސް ގައުމު ދޫކޮށް ނުދެވޭނެއެވެ. އެކަމަކު ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އާއި، ހުއާން ކުއަޑްރާޑޯ އާއި، ޑަނީލޯ އަދި ރޮޑްރީގޯ ބެންޓަންކޫރު ވަނީ ކޮވިޑް-19 ގެ ޓެސްޓުގެ ނަތީޖާ ނުލިބެނީސް ގައުމީ ޓީމުގެ މެޗުތައް ކުޅެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކަށް ގޮސްފައެވެ. މީގެ ތެރެއިން ރޮނާލްޑޯ ވަނީ ބުދަ ދުވަހުގެރޭ ސްޕެއިނާ ދެކޮޅަށް ޕޯޗުގަލް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ކުޅެފައެވެ.

އިޓަލީގެ ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްއިން އައިސޮލޭޝަން ގަވާއިދާ ޚިލާފުވި ކުޅުންތެރިންގެ މައްސަލަ މިހާރު ވަނީ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. އަދި މި މައްސަލައިގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕްރޮސެކިއުޓަރުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި މައްސަލައިގައި ޓިއުރިންގެ ޤާނޫނީ އިދާރާތަކުން މި ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔުވެންޓަސްގެ ފަސް ކުޅުންތެރިއަކު ގަވާއިދާ ޚިލާފަށް އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކަށް ދިޔައިރު، ޔުވެންޓަސްގެ އައިސޮލޭޝަން ނިމިފައިވަނީ ބުދަ ދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން އައިސޮލޭޝަން ނިމެންދެން ގައުމަށް ނުގޮސް ޔުވެންޓަސްގެ ހޮޓެލުގައި މަޑުކުރި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އިޓަލީގެ ޖިއޮޖިއޯ ކިއެލީނީ އާއި، ލިއޮނާޑޯ ބޮނޫޗީ އާއި، ޕޮލެންޑް ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ އާއި، ފްރާންސްގެ މިޑްފީލްޑަރު އޭޑްރިއަން ރަބިއޯ އަދި ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް