ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 09:58
ޕޯޗުގަލާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ކާމިޔާބުނުކުރެވި
ޕޯޗުގަލާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ކާމިޔާބުނުކުރެވި
ގެޓީ އިމޭޖަސް
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް
ޕޯޗުގަލާއި ސްޕެއިން އެއްވަރު، އިޓަލީއަށް ބޮޑު މޮޅެއް
ޕޯޗުގަލާއި ސްޕެއިން އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ކާމިޔާބުނުކުރެވި
މޯލްޑޯވާ އަތުން އިޓަލީ މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

ބުދަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވިއިރު، މޯލްޑޯވާ އަތުން އިޓަލީ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ޕޯޗުގަލުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ސްޕެއިނުން ވަނީ މި ހާފު ޑޮމިނޭޓުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު މި ހަމަލަތަކުގެ ހުރަހަކަށްވީ ޕޯޗުގަލްގެ ގޯލްކީޕަރު ރުއި ޕެޓްރީޝިއޯއެވެ.

ފުރަތަމަ ހާފާ ޙިލާފަށް ދެވަނަ ހާފުގައި ޕޯޗުގަލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އޭރިއާ ތެރެއިން ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ ފަހުން ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެނާޓޯ ސަންޗޭސް ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް ޕޯޗުގަލުގެ ޒުވާން ފޯވާޑް ޔާއޯ ފެލިކްސްއަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ގޯލު ކުރިމަތިން ފެލިކްސްއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އެ ބޯޅަ ދިޔައީ އޭނާގެ ފައިގައި ލައްވާ ނުލައެވެ.

އިޓަލީ އާއި މޯލްޑޯވާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 6-0 ން

މީގެ އިތުރުން އެކުވެރިކަމުގެ މެޗުގައި ބުދަ ދުވަހުގެރޭ މޯލްޑޯވާ އަތުން އިޓަލީ މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިޓަލީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ފަސް ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އިޓަލީއަށް ލީޑު ނަގައިދިނީ ބްރާޔަން ކްރިސްޓާންޓޭއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ފްރެންސެސްކޯ ކަޕޫޓޯ ވަނީ އިޓަލީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އިޓަލީއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ޖަހައިދިނީ ސްޓެފަން އެލް ޝަރާވީއެވެ. އޭގެ ހަތް މިނެޓު ފަހުން އިޓަލީން ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއިރު، މި ލަނޑަކީ މޯލްޑޯވާގެ ވިއަޗެސްލާވް ޕޯސްމަކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެލް ޝަރާވީ ވަނީ އިޓަލީގެ ފަސްވަނަ ލަނޑު ޖަހާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިޓަލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޮމެނިކޯ ބެރާޑީއެވެ.

މޯލްޑޯވާ އަތުން އިޓަލީ ބޮޑު މޮޅެއް ހޯދިއިރު، ބުދަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި މެކްސިކޯ އަތުން ނެދަލެންޑްސް ވަނީ 1-0 ން ބަލިވެފައެވެ. މި މެޗުން ނެދަލެންޑްސް ބަލިވިއިރު، މިއީ ދާދި ފަހުން އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ފްރޭންކް ޑި ބޮއާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ޖަރުމަން ވަނީ ތުރުކީއާ 3-3 ން އެއްވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް