ޖެންޑަރ މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންގެންދާ ފިޔަވަތިން އަށް ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ފިޔަވަތިން ކުދިން ޕޮޒިޓިްވެފައި ވަނީ ފިޔަވަތީގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، އޭނާ ބަލަހައްޓަމުން ދިޔަ ކުދިން ކަރަންޓީންކޮށް ނެގި ޓެސްޓުތަކުންނެވެ.
އެގޮތުން، ފިޔަވަތީގެ އެ މުވައްޒަފު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށާއި އެ މުވައްޒަފަކީ އުމުރުން 10 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިން ބެލެހެއްޓުމުގެ މަސައްކަތްކުރާ ފަރާތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ ފިޔަވަތިން ޕޮޒިޓިވްވި އަށް ކުދިންގެ ތެރޭޭގައި ރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖެއް ހިމެނޭތީ، މި ކުއްޖާ ކެއަރވޯކަރާއިއެކު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުއްޖާގެ ޙާލަތު މޮނިޓަރކުރެވި އެދެވޭ ފަރުވާ ދެމުންދާކަމަށާއި، އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ފިޔަވަތިން ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ކުދިންވެސް މިހާރުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރގެ އިރުޝާދުގެ ދަށުން ފެސިލިޓީއަކަށް ބަދަލުކޮށްފައި ކަމަށާއި އެކުދިންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީން ވަނީ ފިޔަވަތި އަކީ ގިނަ ކުދިން އެތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރިތަނެއް ކަމުގައިވުމުން، އެޗްޕީއޭ އަދި އެޗްއީއޯސީގެ އިރުޝާދުގެ ދަށުން ކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށްފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއަރވޯކަރުންނާއި އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައި ކަމަށްވެސް ބުނެފައެވެ.
މި 26 ކުދިން ބަދަލު ކުރަން ނިންމާފައި ވަނީ ތިން ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށެވެ. އެހެން ކަމުން މިތަނުން ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެ ކަމަށާއި އެ ކުދިންގެ ތަޢުލީމީ ކަންކަން ވެސް މި ތަނުގައި ކަށަވަރުކުރެވޭނެ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
ޖެންޑަރ މިނިސްޓްރީން ވަނީ ފިޔަވަތީގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެ ކުދިންގެ މަޢުލޫމާތު ދެމުން ގެންދާނެކަމާއި ކަމުގެ ސައްޚަ މަޢުލޫމާތު މިނިސްޓްރީ އާއި ގުޅިގެން ހޯދުމަށް އިލްތިމާސްކޮށްފައެވެ. މިއީ އަދި ފިޔަވަތިން ކުދިންތަކެއް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.