ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 21:21
ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)
ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)
ސޯޝަލް މީޑިއާ
ތާޅާފިލި އަލިބެގެ މައްސަލަ
ޓީޓީ އެސޯސިއޭޝަނުން އަލިބެއަށް ނަސޭހަތްތެރިވެ، މާފަށް އެދެން އަންގައިފި
އަލިބެގެ މައްސަލައެއް ބެލީ ޓީޓީ އެސޯސިއޭޝަނާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން
މާފަށް އެދުމުން އަލިބެއަށް ޓީޓީ އެސޯސިއޭޝަނުގެ ކުޅިވަރު ކުޅޭ ތަންތައް ބޭނުންކުރެވޭނެ
އަލިބެ ވަނީ ޓީޓީ އެސޯސިއޭޝަނުން ފާހަގަކުރި ކަންކަމުގައި ކަންބޮޑުވާ ގިނަ ކަންކަން ހުރި ކަމަށް ބުނެފައި

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބެލި މައްސަލައެއްގައި ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އަށް ނަސޭހަތްތެރިވެ، މާފަށް އެދުމަށް އަންގައިފިއެވެ.

އަލިބެގެ މައްސަލައެއް ބަލަމުންދާކަން ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މެސެޖަކުން އަލިބެއަށް އަންގާފައެވެ. އަދި މައްސަލަ ބަލައި ނިމެންދެން ޓީޓީ އެސޯސިއޭޝަނުގެ އެއްވެސް ކުޅިވަރު ކުޅޭ ތަނެއް ބޭނުންކުރުން އަލިބެއަށް މަނާކުރިއިރު، ޓީޓީ ހޯލުގައި ކުޑަކުދިންނަށް ކޯޗު ކޮށްދިނުންވެސް ވަނީ މަނާ ކޮށްފައެވެ.

އެ މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ޓީޓީ އެސޯސިއޭޝަނުން އަލިބެއަށް ފޮނުވި ސިޓީއެއްގައި ވަނީ މައްސަލައިގެ ތަފުސީލު ހާމަކޮށްފައެވެ. އެގޮތުން އެ ސިޓީގައި ބުނެފައިވާ ގޮތުން އަލިބެ މައްސަލައެއް ބެލުމަށް ނިންމީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އަސާސީ ގަވާއިދާ ޚިލާފަށް ޓީޓީ އެސޯސިއޭޝަނާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ. އެގޮތުން އެ ކޯޓުގައި ދައުވާ ކުރިއިރު، އަލިބެ ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުރެ، ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބާ ގުޅިގެން ސްޕޯޓްސް ކޮމިޝަން އަދި ސްޕޯޓްސް ކައުންސިލުން އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ހާމަކުރުމުންވެސް، އެ ނިންމުންތަކަށް އަލިބެ އިހުތިރާމު ކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އަލިބެ ހިމެނިވަޑައިގަތް ހުސްވި ދައުރުގެ ހިންގާ ކޮމިޓީގައި ނިންމާފައިވާ ނިންމުންތަކާއި، ހިއްސާކޮށްފައިވާ މައުލޫމާތާ ބެހޭގޮތުން ހަގީގަތާ ޚިލާފު މައުލޫމާތު މީޑިއާތަށް މެދުވެރިކޮށް އާންމުކުރުމާއި، ޓޭބަލް ޓެނިހުގެ އަރަމުން އަންނަ ހަގު ކުޅުންތެރިންނަށް ނަމޫނާ ދައްކަންޖެހޭ ފަދަ މަގާމެއްގައި ހުރެ، އެކުޅުންތެރިންގެ ހިތްވަރު އެލޭ ފަދަ ކަންކަން އަލިބެ ކޮށްފައިވާ ކަމަށްވެސް ޓީޓީ އެސޯސިއޭޝަނުގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި މައްސަލައާއި ގުޅިގެން ޓީޓީ އެސޯސިއޭޝަނުހެ ހިންގާ ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، މިކަމަކީ އަލިބެގެ ފަރާތުން މިފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރު ކަމަށްވުމުން، ކުރިއަށް އޮތް ތަނުގައި މިފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޓީޓީ އެސޯސިއޭޝަނުން ފާހަގަކުރި ކަންތައްތަކާ ގުޅިގެން އެ އެސޯސިއޭޝަނަނަށް މާފަށް އެދި ލިޔުމުން ހުށަހެޅުމުން، ޓީޓީ އެސޯސިއޭޝަނުގެ އެހެން މެންބަރުންނެކޭ އެއްގޮތަށް، އެހިނދުން ފެށިގެން އެ އެސޯސިއޭޝަނުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، ވަސީލަތްތައް ބޭނުންކުރުމަކަށް ހުރަހެއް ނެތް ކަމަށްވެސް ވަނީ އަންގާފައެވެ.

ޓީޓީ އެސޯސިއޭޝަނުން ފޮނުވި ސިޓީއަށް ޖަވާބު ދެއްވައި އަލިބެ އަންގާރަ ދުވަހު އެ އެސޯސިއޭޝަނަށް ފޮނުއްވި ސިޓީގައި ވަނީ ޓީޓީ އެސޯސިއޭޝަނުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިހުރި ކަންކަމުގައި ކަންބޮޑުވާ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވާފައެވެ.

ޓީޓީ އެސޯސިއޭޝަނާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލައިގައި އަލިބެއަށް ނަސޭހަތްތެރިވެ، މާފަށް އެދެން އެންގިއިރު، އަލިބެ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ 17 ވަނަ ދުވަހަށް ތާވަލުކުރިއެވެ. އެކަމަކު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ނިމިފައިވުމުން، އެ މައްސަލައިގެ މުއާލާތް މިހާރު ކެނޑިފައިވާ ކަމަށް ކޯޓުގައި ވިދާޅުވެ އަލިބެ ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އަމިއްލަފުޅަށް އެމައްސަލަ އަނބުރާ ކޯޓުން ނަންގަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް